އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސް އަންނަ އެޕްރީލް މަހުގެ ތެރޭގައި އިންޑިއާގައި ޝޯތަކެއް ދޭން ހަމަޖެހިފައިވާ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަމަވެސް އޭނަ ޝޯތައް ދޭނެ ސިޓީތަކާއި ޝޯތައް ކުރިއަށް ގެންދަން ނިންމާފައިވާ ތާރީހުތަކެއް އަދި ސާފު ނުވާ ކަމަށް މީޑިއަތަކުން ބުންޏެވެ.
އެޕްރީލް މަހު ކަންޔޭ އިންޑިއާ އަށް ކުރާ ދަތުރު ވާނީ މިއުޒިކް ޓުއާއަކަށް އޭނަ އެ ގައުމަށް ދާ ފުރަތަމަ ދަތުރަށެވެ.
އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަންގެ ކުރީގެ ފިރިމީހާ އަދި މިހާރު އޮސްޓްރޭލިއާގެ އާޓިސްޓެއް ކަމަށްވާ ބިއަންކާ ސެންސޯރީއާ ކައިވެނިކޮށްގެން އުޅޭ އުމުރުން 48 އަހަރުގެ ކަންޔޭ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އެއީ 2009 އާއި 2012 ގަ އެވެ.
ދެހާސް ވިހީގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ވާދަކުރި ކަންޔޭ އަކީ އެ ގައުމުގެ އެންމެ ނުފޫޒު ގަދަ އެއް މިއުޒިޝަނެވެ. އޭނަ މިހާތަނަށް 11 އަލްބަމެއް ނެރެފައިވާ އިރު، އެންމެ ފަހުން ނެރުނު އަލްބަމަކީ 2022 ގެ "ޑޮންޑާ 2" އެވެ. އަދި މި މަހުގެ 30 ވަނަ ދުވަހު އާ އަލްބަމް "ބުލީ" ނެރެން އަންނަނީ ތައްޔާރުވަމުންނެވެ.
ކަންޔޭ އިންޑިއާގައި ޝޯތަކެއް ދޭން ހަމަޖެހިފައިވާ އިރު، އެ ގައުމުގައި މިހާތަނަށް ބޭރުގެ މަޝްހޫރު ވަރަށް ގިނަ ފަންނާނުންނާއި ބޭންޑްތަކުން ޝޯތައް ދީފައިވެ އެވެ. އޭގެ ތެރޭގައި އެޑް ޝީރަން، ޖަސްޓިން ބީބާ، ޑުއާ ލިޕާ، އޭކަން، ޝޯން މެންޑޭޒް، ޖޯނަސް ބްރަދާސް، މެރޫން 5، ބެކްސްޓްރީޓް ބޯއިސް އަދި ކޯލްޑްޕްލޭ ހިމެނެ އެވެ.