މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާ ކުރުމުގެ ގޮތުން، 'ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ' ގެ ނަމުގައި ޓްރެއިނިން ޕްރޮގްރާމެއް އައްސޭރި ޖަލުގައި ހިންގައިފި އެވެ.
މި މަހުގެ 18 އާއި 19 އަށް ކުރިޔަށް ދިޔަ މި ޓްރެއިނިން ޕްރޮގްރާމްގައި ޤައިދީންގެ ރިހެބިލިޓޭޝަން ދާއިރާގައި މަސައްކަތްކުރާ 14 އޮފިސަރަކު ބައިވެރިވި އެވެ.
މީގެ މައިގަނޑު މަޤްޞަދަކީ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމާއި 'ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ' (އާރްއެންޑްއާރް) މޮޑެލް ފަދަ ބައިނަލްއަޤްވާމީ މިންގަނޑުތައް ބޭނުންކޮށްގެން، އެކި ބާވަތުގެ ކުށްތަކުގައި ބަންދުކުރެވިފައިވާ ޤައިދީންނަށް ޚާއްސަ ކޮމިއުނިޓީ-ބޭސްޑް ސްޓްރެޓެޖީތަކެއް އެކުލަވާލައި އަދި ތަންފީޒު ކުރުން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އިނގިރޭސި ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން ޓެޓްރާޓެކްގެ ޕްރިޒަން ތަޖުރިބާކާރެއް ކަމަށްވާ ޓޯނީ ހެސަލް އެވެ.