އަދާލަތު ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާ ޑރ. އިކްރާމް އަބްދުއްސައްތާރު ރައީސް ހޮވާ އިންތިހާބު ބޮއިކޮޓް ކުރައްވަން ނިންމަވައިފި އެވެ.
މި މަހުގެ 31 ގައި ބާއްވާ އެ އިންތިހާބުގައި ވާދަކުރައްވަނީ އޭނަ އާއި މިހާރު ޕާޓީގެ ނައިބު ރައީސަކަށް ހުންނެވި ޝައިހް މުހައްމަދު ޝިފާނެވެ.
އީ-ވޯޓިން ކުރިއަށް ގެންދާ ގޮތަށް ނިންމުމުން އެއީ އިންތިހާބަށް ނުފޫޒު ފޯރުވަން ހަމަޖެއްސި އުސޫލެއް ކަމަށް ބުނެ އެކަން ހުއްޓުވައި ދޭން މިދިޔަ ހަފުތާގައ އީސީ އަށް ވެސް ހުށަހެޅުއްވި އިކްރާމްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޕާޓީގެ ރައީސަކު ހޮވާ އިންތިޚާބު ބޮއިކޮޓް ކުރައްވަން ޖެހުނީ އިންތިޚާބާ ގުޅިގެން ހުރިހާ ކަމެއް ކުރަމުން ދިޔައީ، ދެފުށްފެންނަ ޢަދުލު އިންސާފުގެ އުސޫލުތަކާ ޚިލާފަށް ކަމަށްވާތީ ކަމަށެވެ.
އެގޮތުން، ޚުދުމުހުތާރު ނިޒާމަކަށް މަގުފަހިވާ ގޮތަށް ކޮންމެ ގޮތެއް ހަދައިގެން އިންތިޚާބުން ބޭނުންވާ ނަތީޖާ ނެރެން ރާވާފައިވާކަން ކަށަވަރުވެފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އިކްރާމް އިންތިހާބު ބޮއިކޮޓް ކުރެއްވި އިރު، އަދާލަތުން ވަނީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ހަދާފައިވާ ގަވާއިދުން ޖާގަ ނުދޭ ކަމަށް ބުނެފަ އެވެ. އަދި އީ-ވޯޓިން ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
އަދާލަތުން ބުނީ ވޯޓުލާން ބޭނުން ކުރަނީ ރާއްޖޭގައި އިތުބާރު ލިބި، އިދާރާތަކުގައި ވޯޓު ލުމަށް ބޭނުންކުރާ 'ފަހި ވޯޓު' ކަމަށެވެ.