Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ތަރައްގީ ކުރިއަށް ދާނީ ޕީއެންސީ އަށް ވޯޓް ދީގެން

މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް މަޑު ޖެހުމެއް ކުރިއަށް ދާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދީފެން ކަމަށް މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގައި އޭނަ ރޭ ވިދާޅުވީ ކައުންސިލް އިންތިހާބަކީ ރަށްރަށަށް ހަގީގީ ބާރުވެރިކަން ލިބޭ ގޮތަށް ގާނޫނަށް ގެނެވުނު އިސްލާހުތަކަށް ފަހު ބޭއްވޭ ފުރަތަމަ އިންތިހާބު ކަމަށެވެ. އެހެންވެ ސަރުކާރުގެ ވިސްނުން ވެސް ހުރީ ގައުމު ބިނާކުރުމަށް މި ކުރާ މަސައްކަތުގައި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކުރަން ކަމަށް ލަތީފު ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ މިހާރުގެ ބައެއް ކައުންސިލްތަކަކީ ސިޔާސީ ވިސްނުން އިސްކޮށް، ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލްތައް ކަމަށާއި އެކަމުގެ ދެރައާއި ނިކަމެތިކަން ލިބެނީ ރައްޔިތުންނަށް ކަމަށެވެ. އަދި ގައުމުގެ ތަރައްގީ އަށް އިސްކަން ދީގެން ކުރިއަށް ދެވޭނީ ޕީއެންސީ ފިކުރުގެ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވައިގެން ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ދައުލަތުން ފޯރުކޮށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ވެސް ސަރުކާރާއި ކައުންސިލާ ގުޅުން ކެނޑި، ޖެއްސުންކޮށް، ހުއްދަ ނުދީ، މަޝްރޫއުތައް ހިންގަން ބިން ނުދީ މިފަދަ އެތައް ކަމެއް އެބަ ކުރޭ،" ލަތީފު ވިދާޅުވި އެވެ. "އެހެންވީމަ ރައީސް ރައީސް ޑރ. މުއިއްޒު އެ ވިދާޅު ވަނީ ތަރައްގީގެ ވިސްނުމުގައި ސަރުކާރަށް އެއްބާރުލުން ދޭން. އަދި ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮއްވަވާ ދެއްވުމަށް."

އޭނަ ވިދާޅުވީ ސަރުކާރަކީ، ފަރުދީ މަސްލަހަތަށް ވުރެ، ޤައުމީ މަސްލަހަތު އިސްކުރާ، އަދި ރައްޔިތުންނާ އެކު، ރައްޔިތުންގެ ފަޅީގައި މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.