Last Updated: June 6, 09:11
Saturday, June 6, 2026
މުނިފޫހިފިލުވުން

ދެން ވެސް ފިލްމެއް ހަދާނީ ޝާހްރުކާ އެކު: ފަރާ

ދެން ފިލްމެއް ހަދާ ނަމަ ހަދާނީ އަނެއްކާ ވެސް ޝާހްރުކް ޚާނާ އެކީގައި ކަމަށާއި މި އަހަރުގެ ފަހުކޮޅު ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން ބުނެފި އެވެ.

އޭނަ މިހާތަނަށް ޑައިރެކްޓްކުރި ހަތަރު ފިލްމުގެ ތެރެއިން ތިން ފިލްމަކީ ޝާހްރުކް ކުޅުނު ވަރަށް ކާމިޔާބު ފިލްމުތަކެކެވެ. އެއީ އެންމެ ފަހުން ޑައިރެކްޓްކުރި 2014 ގެ "ހެޕީ ނިއު އިޔާ" ގެ އިތުރުން 2007 ގެ "އޯމް ޝާންތީ އޯމް" އަދި 2004 ގެ "މޭ ހޫ ނާ" އެވެ.

"މޭ ހޫ ނާ" އަކީ ކޮރިއޮގްރާފާރެއްގެ ގޮތުގައި މަޝްހޫރުވި ފަރާގެ އަލަތު ޑައިރެކްޝަނެވެ. ފަރާ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން ޝާހްރުކާ ނުލައި ގެނެސްދިން ފިލްމަކީ އަކްޝޭ ކުމާރުގެ 2010 ގެ "ތީސް މާރް ޚާން" އެވެ.

ދެން ހަދާ ފިލްމި ހަދާނީ ޝާހްރުކާ އެކު ކަމަށް ފަރާ ބުނީ އަމިއްލަ ކައްކާ ދިލިޕް ގޮވައިގެން އަމިއްލަ ޔޫޓިއުބް ޗެެނެލްގައި ސެލެބްރިޓީންގެ ގެތަކަށް ޒިޔާރަތްކޮށް ގެނެސްދޭ ކެއްކުމުގެ އެޕިސޯޑްތަކުގެ ތެރެއިން މަޝްހޫރު ޓީވީ އެކްޓަރު ނަކުލް މެހެތާގެ ގެއަށް ކުރި ޒިޔާރަތުގަ އެވެ.

އެ އެޕިސޯޑްގައި ނަކުލް ވަނީ ފަރާގެ އާ ފިލްމަކަށް ވަރަށް އިންތިޒާރު ކުރެވޭ ކަމަށް ބުނެ، ފިލްމެއް ހަދަން ވަރަށް ބޮޑަށް އެދިފަ އެވެ. އެ ވާހަކަތަކާ ގުޅިގެން ފަރާ ބުނީ ވަރަށް ގިނަ ބަޔަކު އޭނަ އެނބުރި ޑައިރެކްޝަނަށް އަންނަން ވަރަށް ބޮޑަށް އެދެމުން އަންނަ ކަމަށާއި އެކަމަށް މިހާރު ވަގުތު ތަން ވެސް ދޭ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

އެގޮތުން ތިން ކުދިން މި އަހަރުގެ ތެރޭގައި ކޮލެޖް ވެސް ކިޔެވުން ވެސް ފަށާނެތީ މި އަހަރުގެ ފަހުކޮޅު ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރީތައްވަމުން އަންނަކަމުގެ އިޝާރާތެއް ފަރާ ދީފައިވެ އެވެ.

"އެހެންވެ ދެން ފިލްމެއް ހަދާ ނަމަ ހަދާނީ ވެސް ޝާހްރުކާ އެކު. އެ ފުރުސަތު ފަހި ނުވާ ނަމަ އަނެއްކާ ވެސް ޖެހޭނީ މަޑުކޮށްލައި، ޔޫޓިއުބް ޗެނެލްގެ މަސައްކަތާއިގެން ކުރިއަށް ދާން." ޝާހްރުކާ ވަރަށް ގާތް އެކުވެރި ކަމެއް އޮންނަ ފަރާ ބުންޏެވެ.

އާ ފިލްމެއްގެ އިޝާރާތެއް އޭނަ ދިން އިރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކުންފުންޏަށް ފިލްމެއް ޑައިރެކްޓް ކުރަން ފަރާ 2019 ގައި ސޮއިކޮށް، އެކަން އެ އަހަރުގެ ފެބްރުއަރީ މަހު އިއުލާން ވެސް ކުރި އެވެ. އެކަމަކު ފަހަކުން އޭގެ އެެއްވެސް އަޑެއްބަޑެއް ނެތެވެ. އޭރު ރިޕޯޓްތައް ބުނެފައިވާ ގޮތުން ފަރާ ހަދަން އުޅުނީ އަމީތާބް ބައްޗަންގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 1982 ގެ އެކްޝަން ކޮމެޑީ "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކެކެވެ.

ޝާހްރުކްގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ފަހުކޮޅު ޑައިރެކްޓަރު ސިދާތު އާނަންދު ގެނެސްދޭން ހަމަޖެހިފައިވާ އެކްޝަން ތުރިލާ "ކިންގް" އެވެ.