Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ބޭރުގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑު މުރާޖައާ ކުރަނީ

ސަރުކާރުގެ ލޯނު އެހީގައި ރާއްޖެ އިން ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑުގެ ގޮތުގައި ދޭ ފައިސާ މުރާޖައާ ކުރަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު 'ތަރުޖަމާނާ އެކު' ގެ ނަމުގައި ގެެނެސްދެމުން އަންނަ ޕޮޑްކާސްޓުގެ އެންމެ ފަހުގެ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހައިދަރި އިއްޔެ ވިދާޅުވީ ރާއްޖެއިން ބޭރުގައި ސަރުކާރުގެ އެކި ސްކީމުތަކުގެ ދަށުން މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ލިބެން ޖެހޭ ފައިސާ ނުލިބޭކަމުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ވެސް ލިބޭ ކަމަށެވެ.

އޭނަ ވިދާޅުވީ ފައިސާ ނުލިބުމުގެ ޝަކުވާތައް ލިބުނު ނަމަވެސް މިދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މިހާރު ދަރިވަރުންނަށް ފައިސާ ދޫކުރަން ޖެހޭ މުއްދަތުގައި ފައިސާ ދޫކުރެވޭ މިންވަރު 75 ޕަސެންޓަށް ވުރެ މަދުވާނެ ކަމަށެވެ. އަދި ބައެއް ކަހަލަ މައްސަލަތައް ކުރިމަތިވެ، ބައެއް ދަރިވަރުންނަށް ފައިސާ ދޫނުކުރެވި އަށް ހަފްތާ ވެސް ހޭދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހައިދަރުިރު ވިދާޅުވީ އާންމުކޮށް ފައިސާ ލިބުން ލަސްވަނީ މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހަމަނުވެގެން ނުވަތަ ބޭނުންވާ އަދަދަށް ފައިސާ ދޫކުރެވެން އުސޫލުގެ ތެރެއިން ނެތުމުން ކަމަށެވެ. އަދި ފައިސާ ދޫކުރުމުގެ ކުރިން ދެ ކަމެއް ޔަގީންކުރާ ކަމަށް ހައިދަރު ފާހަގަ ކުރެއްވި އެވެ. އެއީ ދަރިވަރު ކިޔަވަން ދިޔަ ކޮލެޖު ނުވަތަ ޔުނިވާސިޓީގައި ކިޔަވާތޯ އާއި
ދަރިވަރު ދޭ މައުލޫމާތު ސައްހަތޯ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ދެ ކަންތައް ޔަގީން ކުރުމުގެ ތެރޭގައި މައްސަލައެއް ދިމާވެއްޖެ ނަމަ ފައިސާ ދޫކުރުން ލަސްވެދާނެ ކަމަށެވެ.

ހައިދަރު ވަނީ ފައިސާ ލިބުން އަވަސް ކުރުމަށް ދަރިވަރުންގެ ފަރާތުން ފޯރުކޮށް ދޭން ޖެހޭ މައުލޫމާތާއި ލިޔުންތައް ވީހާ ވެސް އަވަހަކަށް، ވަގުތު އޮއްވާ ފޯރުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ދަރިވަރުން ވެސް ވީހާ ވެސް އަވަހަކަށް ބޭނުންވާ ޑޮކިޔުމެންޓިތައް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށް ދިނުން. ފައިސާ ފޮނުވަން ޖެހޭ މުއްދަތުގެ ދެ މަސް ކުރިން ފަށައިގެން މި ކުރިއަށް ގެންދަނީ. ހަފުތާއަކަށް ވެފައި އޮއްވާ ފޮނުވީމާ ބައެއް ފަހަރު އޮންނާނީ ލަސްވެފައި،" އޭނާ ވިދާޅުވި އެވެ." އެއީ ހަމައެކަނި މިނިސްޓްރީންނެއް ނޫން. މިނިސްޓްރީގެ ބަޖެޓް ސެކްޝަނުންނާއި އަދި އަޅުގަނޑުމެން އެބަ ފޮނުވަން ޖެހޭ ފިނޭންސް މިނިސްޓްރީއަށް ވެސް. ފިނޭންސް މިނިސްޓްރީން ބަލާފައި ނޫނީ ބައްލަވާފައި ނޫނީ ފައިސާ ދުލެއް ނުކުރާނެ."

މިނިސްޓަރު ވިދާޅުވީ ފައިސާ ލިބުން ލަސްވުމުގެ މައްސަލަ ދިމާވަނީ ލޯނު އެހީގައި ކިޔަވާ ކުދިންނަށް ކަމަށެވެ.

"އޭގައި މައްސަލަ އެއް ދިމާވެގެން ބަލާއިރު އެ ލޯނުގައި ކަނޑައަޅާފައި އޮންނަ ސްޓައިޕެންޑުން ނުފުދިގެން އުޅޭ މައްސަލަ އެބަ ދިމާވޭ،" ހައިދަރު ވިދާޅުވި އެވެ. "ސްޓައިޕެންޑުގެ މައްސަލާގައި ސްޓައިޕެންޑުތައް މުރާޖައާ ކުރަން އެބަ ފަށަން. އެއީ ގާތްގަނޑަކަށް 7 އަހަރު ވެއްޖެ ކަންނޭނގެ އެއް ސްޓައިޕެންޑެއް ބޭނުންކުރާތާ. އެހެން ނަމަވެސް ދިރިއުޅުމުގެ ހަރަދުތައް ކޮންމެ ގައުމެއްގައި ވެސް އަންނަނީ އިތުރުވަމުން."

ސްޓައިޕެންޑު މުރާޖައާ ކުރުމުން އެ ގައުމެއްގައި ދިރިއުޅުމަށް އެކަށޭނަ އަދަދަކަށް ފައިސާ ދޫކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.