ރާއްޖޭގެ ސްކައުޓް ޚިދުމަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު (ބެން) ނިޔާވެއްޖެ އެވެ.
އުމުރުން 65 އަހަރުގައި އޭނަ ނިޔާވީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ބެން އަކީ ރާއްޖޭގެ ސްކައުޓް ހަރަކާތް ކުރިއެރުވުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކައުޓް ތަޢާރަފުކޮށް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުގެ މަގާމު ވެސް ފުރުއްވި ބެން އަކީ އެ އެސޯސިއޭޝަންގެ ދާއިމީ މެންބަރެއް ވެސް މެ އެވެ.
ބެން ނިޔާވުމާ ގުޅިގެން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ އޭނާގެ އާއިލާއަށް ތަޢުޒިޔާ ފޮނުވައި ހިދުމަތްތަކުގެ ހަނދާންތައް މިއަދު އާކޮށްފަ އެވެ. އެގޮތުން ބެން އަކީ ސްކައުޓް ހަރަކާތަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށް ދީފައިވާ ބޭފުޅެއްކަން ފާހަގަކޮށް އޭނަ ވަކިވެދިއުމަކީ ފޫނުބެއްދޭނެ ވަރުގެ ބޮޑު ހުސްކަމެއް ކަމެއް ބުންޏެވެ.
ބެންގެ ޖަނާޒާ ވަނީ މެންދުރު ނަމާދަށް ފަހު އާސަރާގައި ބާއްވައިފަ އެވެ.