މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވައިލަން ތައްޔާރުވާން ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކުންފުނި އުވައިލަން ނިންމާފައިވާތީ އެކަމާ ގުޅުން ހުރި މަސައްކަތްތައް ކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވައިލާ ކަމަށެވެ. އަދި އެ ހުށަހަޅަން ވާނީ އެކަމާ ގުޅޭ ގޮތުން އާންމުކޮށްފައިވާ ރިކުއެސްޓް ފޮ ޕްރޮޕޯސަލް (އާރްއެފްޕީ) އާ އެއްގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުހެ 29 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އަށެވެ.
މިނިސްޓްރީން ބުނީ އެ ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ ޕްރޮޕޯސަލްތައް ބާތިލުވާނެ ކަމަށެވެ.
މެދު ފަންތީގެ ޓޫރިޒަމް ޕްރޮމޯޓު ކުރަން ހާއްސަކޮށްގެން އެމްއައިޓީޑީސީ އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގަ އެވެ.
އެ ކުންފުނިން އުވައިލަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ޖުލައި 9 ގަ އެވެ. އެގޮތުން، އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތް ނިމުމުން، އެކަމުގެ ހާއްސަ ރިޕޯޓެއް މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ފޮނުވުމަށް ފިނޭންސް މިނިސްޓްރީ އަށް އެންގުމަށް ވެސް އެސްއޯއީ ކޮމިޓީގެ ރިޕޯޓްގައި ހިމަނާފައިވެ އެވެ.