ފެނަކައާ ހަވާލުކޮށްގެން، ސަރުކާރު ސްކޫލުތައް އޭސީކުރުމަށް ކުރިއަށްގެންދާ 'ކޫލް ސްކޫލް' މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ފެނަކައިން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށް ދަނީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން، މާލޭ ސަރަހައްދުގައި ހިމެނޭ ސްކޫލުތަކުގެ ތެރެއިން މިހާތަނަށް 75 އިންސައްތަ ސްކޫލެއްގައި އިންޑޯ އޭސީ ޔުނިޓް އިންސްޓޯލުކޮށްފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ އެ ކުންފުނީގެ އަމާޒަކީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، މާލޭ ސަރަހައްދުގައިވާ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.
މި މަޝްރޫޢަކީ ދަރިވަރުން ކުލާހުގައި ކިޔަވަން ތިބޭ ވަގުތުތަކުގައި އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއެކެވެ.