1. ޞައްޙަ ޢަޤީދާއަ ކީ ކޮން އެއްޗެއްކަމާއި، ޞައްޙަ ޢަޤީދާގެ މުހިންމުކަމާއި، ޞައްޙަ ޢަޤީދާގެ ޢިލްމު ނުއުނގެނުމާއި އެ ޢިލްމު އުނގެނެން މަސައްކަތްނުކުރުމާއި އެ ޢިލްމު އުނގަންނައިދޭއިރުވެސް އެއަށް ފުރަގަސް ދިނުމާއި، އެކަމުގައި އިންތިހާއަށް ފަރުވާ ކުޑަކުރުން
2. މީސްތަކުންނަށް ޞައްޙަ ޢަޤީދާ އުނގަންނައި ދެއްވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި ނަމޫނާގައި ނުހިފުން
3. މީސްތަކުންނަށް ޞައްޙަ ޢަޤީދާ އުނގަންނައި ދެއްވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ބާވައިލެއްވި ފޮތާއި، އާދެ ކީރިތި ޤުރްއާނާ ދުރުހެލިވުން، ކައުނުގައިވާ ﷲ ގެ ހެކިތަކާމެދު ވިސްނާފިކުރު ނުކޮށް، ޣާފިލުކަންމަތީ ޢުމުރު ހޭދަކުރުމާއި މާއްދިއްޔަތަށް ގޮސް ހުސްވުން
4. ސްކޫލް މަދަރުސާތަކުގައި އެކަށީގެންވާ މިންވަރަށް ޞައްޙަ ޢަޤީދާ ކިޔަވައި ނުދިނުން
5. ދީނުގެ ނައްޞުތައް ފަހުމް ކުރުމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނާއި ތާބިޢީންނާއި ސަލަފުއް ޞާލިޙުންގެ ބަސްތަކަށް ރުޖޫޢަ ނުވެ، މި ޒަމާނުގެ ފަހުމުތަކަށް ތަބަޢަވުން. އެހެނީ ނައްޞުތައް އެންމެ ރަނގަޅަށް ފަހުމު ވާނީ އެބޭކަލުންނަށް. ނައްޞުތަކުގެ މުރާދު އެންމެ ބޮޑަށް އެނގޭނީ އެބޭކަލުންނަށް
6. ޤުރްއާނާއި ސުންނަތަށް (ދަލީލަށް) ނުބަލައި، ޢިލްމުވެރިންނަށް ކަނު ތަޤްލީދު ކުރުން. އަދި އެފައިން ތަޤްލީދު ކުރެވޭ މީހެއްގެ ކިބައިގައި ޢަޤީދާގެ މައްސަލައެއް ހުރި ނަމަ އެ ތަޤްލީދުކުރާ މީހާ ވެސް ހަމަ އެ މައްސަލަ ލިބިގަންނާނެ
7. އެއީ ނުބައި ގޮތް ކަމުގައި ވާއިރު ވެސް ކާބަފައިންގެ ގޮތް އެއީ ރަނގަޅު ގޮތްކަމުގައި ދެކި އެބައިމީހުންގެ ޢަމަލުތަކަށާއި ބުނެފައިވާ ބަސްތަކަށާއި ކާބަފައިން ލިޔެފައިވާ ފޮތްތަކަށް ތަޢައްޞުބުވުން
8. ޢަޤީދާ ފާސިދުކުރާ ތަކެތި ފަތުރާ ސޯޝަލް މީޑިޔާ، އިންޓަނެޓު ފަދަ ވަސީލަތްތަކުގައި ތަތްވުން. އަދި އެފަދަ ވަސީލަތްތަކުގައި، ޞައްޙަ ނުޞައްޙައެއް ނުބަލައި، އެކި އެކި މީސްމީހުންނަށް ފޮލޯކުރުން. އެފަދަ މީހުން ފަތުރާ ޕޮސްޓްތައް ބަލައި އެފަދަ ޕޯސްޓްތައް ޝެއާކޮށް ހެދުން
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.