Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

"އެކްރޮސް މޯލްޑިވްސް" ގެ ނަމުގައި ރެކޯޑްތަކެއް ހަދަނީ

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ ސަރުކާރުގެ ކުންފުނި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "އެކްރޮސް މޯލްޑިވްސް 2026"ގެ ނަމުގައި ކަނޑު އަޑީގައި ރެކޯޑެއް ގާއިމު ކުރުމުގެ ހަރަކާތެއް އިއުލާންކޮށްފި އެވެ.

ދިވެހި ޑައިވަރު ޝަފްރާޒް ނައީމްއާ ގުޅިގެން އަންނަ ހުކުރު ދުވަހު ފަށާ މި ހަރަކާތުގައި ތިން އަތޮޅަކަށް ކަނޑުއަޑިން ދަތުރު ކުރަން އަމާޒު ހިފާފައުވެ އެވެ. ގާތްގަނޑަކަށް 15 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ދަތުރުގައި 450 ކިލޯމީޓަރަށް ވުރެ ދިގު ރާސްތާއެއް ކަނޑުއަޑިން ކަޑައްތު ކުރާނެއެވެ. އަދި މުއްދަތުގެ ތެރޭގައި 55 ފަހަރު ފީނައި، ޑައިވަ ޕްރޮޕަލްޝަން ވެހިކަލް (ޑީޕީވީ) ބޭނުންކޮށްގެން 90 ގަޑިއިރަށް ވުރެ ގިނަ ވަގުތު ކަނޑުއަޑީގައި ހޭދަކުރާނެ އެވެ.

މި ހަރަކާތުގައި ހަދަން ނިންމާފައިވާ ރެކޯޑްތަކަކީ ޑީޕީވީ ބޭނުންކޮށްގެން އެއްފަހަރު ފީނައިގެން ކަނޑުގެ ސަރަހައްދެއްގައި އެންމެ ދުރަށް ދަތުރުކުރުމާއި މަސްދުވަހުގެ ތެރޭގައި ޑީޕީވީ ބޭނުންކޮށްގެން އެންމެ ދިގު ރާސްތާއަކަށް ދަތުރުކުރުގެ ރެކޯޑެވެ.

ވީއެމްސީން ބުނީ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، އެޑްވެންޗަ ޓޫރިޒަމްގެ ތެރެއިން ރާއްޖެ އަކީ "ކަނޑުގެ ގައުމެއް" ގޮތުގައި ދުނިޔެއަށް ދައްކުވައިދީ، ކަނޑުއަޑީގެ ހަރަކާތްތަކާއި ތަފާތު ތަޖުރިބާތައް ކުރަން ބޭނުންވާ ޓޫރިސްޓުންނަށް ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްކަން އިޝްތިހާރު ކުރުން ކަަމަށެވެ.

އެހެންވެ މީގެ ސަބަބުން ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކާއި، ތަފާތު ދިރުންތަކުން މުއްސަނދިވެފައިވާ މާހައުލުތަކުގެ އިތުރުން، ދިވެހިންނާއި ކަނޑާއި އޮތް މުހިންމުކަމާއި ސަގާފީ ގުޅުން ދައްކުވައިދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އެކްރޮސް މޯލްޑިވްސް 2026" ޓެކް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ.