Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރައީސް މުއިއްޒަކީ ރައްޔިތުން އެންމެ ލޯބިވާ ރައީސް

އިބްރާހިމް ފަލާހު- ފޮޓޯ: ޕީއެންސީ

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުން އެންމެ ލޯބިވާ ރައީސް ކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުން ރޭ ވިލިމާލެ ދާއިރާގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ފަލާހު ވިދާޅުވީ ޕީއެންސީ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ޒުވާން އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ ކަމަށާއި ޕީއެންސީގައި މިވަގުތު 75000 މެންބަރުން ތިބިއިރު އެއީ މިހާތަނަށް ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ހާސިލުކުރެވިފައި ނުވާ ލަނޑުދަނޑިއެއް ކަމަށެވެ.

އަދި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް ޕީއެންސީއާ 7000 މެންބަރުން އަލަށް ގުޅިފައިވާ ކަމަށާއި ޕީއެންސީ އަކީ ރައްޔިތުން މިވަގުތު އެންމެ ތާއީދުކުރާ ސިޔާސީ ޕާޓީކަން އިދިކޮޅު ފަރާތްތަކުން ގަބޫލުކުރަންޖެހޭ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

"ޕީއެންސީގެ ލީޑަރަކީ، މިއަދުގެ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަކީ ދިވެހި ރައްޔިތުން އެންމެ ލޯބިވާ ރައީސްކަން. މި ހަގީގަތް އެބަޖެހޭ ހިތްޕުޅަށް ދަތިވިޔަސް ގަބޫލުފުޅުކުރައްވަން،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓުލާންޖެހޭ ސަބަބު ވަރަށް ސާފު ކަމަށާއި އެގޮތުން މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް މަޝްރޫއު ފެށި ސަރުކާރު ކަމަށެވެ. އެގޮތުން 2،000 އާއި 3،000 އާއި ދެމެދު އަދަދަކަށް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި އިދިކޮޅު ކައުންސިލްތައް ތިބި ރަށްތަކުން މިހާރުވެސް އެ މަޝްރޫއުތައް ހިންގަން ދަތިކުރަމުންދާ ކަމަށް ފަލާހު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.