Last Updated: June 8, 21:45
Monday, June 8, 2026
ކުޅިވަރު

އާސެނަލާއި ރެއާލަށް މޮޅެއް، ސިޓީއަށް ލަދުވެތި ބައްޔެއް

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ނޯވޭގެ ބޯޑޯ ގްލިމްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވެއްޖެ އެވެ.

އާސެނަލް މޮޅުވީ އިޓަލީގެ އިންޓަމިލާންއާ ބައްދަލުކޮށް 3-1 ގެ ނަތީޖާއަކުންނެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗަށް އާސެނަލުން ނިކުތީ ގިނަ ބަދަލުތަކާއެކު ކަމަށްވާއިރު، މެޗުގެ 10 ވަނަ މިނެޓްގައި ގެބްރިއަލް ޖީސެސް ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް އޭގެ އަށް މިނެޓް ފަހުން ޕީޓާ ސުސިޗް އިންޓައަށް ނަތީޖާ އެއްވަރުކޮށްދިންއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖީސެސް ވަނީ އާސެނަލަށް އަލުން ލީޑު ނަގައިދީފަ އެވެ.

މި މެޗުން އާސެނަލަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްވިޑެން ފޯވާޑް ވިކްޓަ ޔޮކަރޭސް އެވެ.

ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި މިހާތަނަށް ކުޅުނު ހަތް މެޗުން ވެސް އާސެނަލް މޮޅުވެފައިވާއިރު، އެޓީމުން ވަނީ ރޭގެ މޮޅާއެކު ލީގު ބުރުގެ ގަދަ އަށެއްގެ ޖާގަ ކަށަވަރުކޮށްފަ އެވެ. ލީގު ބުރުުގެ ގަދަ އަށް ޓީމަށް ސީދާ ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.

އަމިއްލަ ދަނޑުގައި ރެއާލް މޮޅުވީ ފްރާންސްގެ މޮނާކޯ އަތުން 6-1 ގެ ނަތީޖާއަކުންނެވެ. ރެއާލްގެ ހަ ގޯލުގެ ތެރެއިން ދެ ގޯލު ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިންއިރު، ރެއާލްގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ ފްރެންކޯ މަސްޓަންޓުއޯނޯ އާއި ވިނިޝަސް ޖޫނިއާ އާއި ޖޫޑް ބެލިންހަމް އެވެ. އަދި މޮނާކޯގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވެސް ގޯލެއް ވަދެފައިވެ އެވެ.

ބޯޑޯ ގްލިމްޓުން ސިޓީގެ މައްޗަށް ކުރި ހޯދީ 3-1 އިންނެވެ. މިއީ އެޓީމުން އިނގިރޭސި ޓީމެއްގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރުވެސް މެ އެވެ.

މި މެޗުގެ ފުރަތަމަ 25 މިނެޓްތެރޭ ބޯޑޯ ގްލިމްޓުން ދެ ގޯލު ކާމިޔާބުކުރިއިރު، މި ދެ ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކެސްޕާ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ހެންސް ޕީޓާ ހޭގް އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، ސިޓީގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 60 ވަނަ މިނެޓްގައި ރަޔަން ޗާކީ އެވެ.

މެޗުގެ 62 ވަނަ މިނެޓްގައި ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުން، ސިޓީން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.