ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެެއް އަމިއްލަ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލުގެ ޝަފީޢާ އިންސްޓިޓިއުޓް އޮފް ހެލްތް (އެސްއައިއެޗް) އިން ކުރިއަށް ގެންދިޔަ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ 18 އިން މި މަހުގެ 16 އަށް، ކުރިއަށް ގެންދިޔަ އެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ، ބޭސްފަރުވާގެ މައިގަނޑު ދާއިރާތަކުންނާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ފުރިހަމަ ޢަމަލީ ތަޖުރިބާ ލިބޭނޭހެން ބައްޓަން ކުރެވިފައިވާ ޕްރޮގްރާމެކެވެ.
މީގެ މަޤްޞަދަކީ އަމިއްލަ އަށް ޞިއްޙީ ޚިދުމަތް ދިނުމުގެ ފެންވަރު އިންޓާނުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމެވެ.
މި އިންޓާންޝިޕް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ޖުމްލަ 18 މެޑިކަލް އިންޓާނުންނަށް ދީފައިވެ އެވެ. ވަނީ އޭގެ ތެރޭގައި 7 ތަފާތު ޤައުމަކުން ކިޔަވައިގެން އައި ދަރިވަރުން ހިމެނެއެވެ. އެއީ މެލޭޝިއާ، ޗައިނާ، ބެލަރޫސް، ފިލިޕީންސް، ޖޯޖިއާ، ޔޫކްރެއިން އަދި ރަޝިއާ އެވެ.
މި އިންޓާންޝިޕް ޕްރޮގްރާމުގައި ހޮސްޕިޓަލުގެ މައިގަނޑު ކްލިނިކަލް ދާއިރާތަކުގެ ތަމްރީނުތަކުގެ އިތުރުން، ނަފްސާނީ ބަލިތަކާ ބެހޭ ޚާއްޞަ ތަމްރީނެއް ވެސް ހިމެނުނެވެ. މި ބައި ނިންމާލުމުގެ ގޮތުން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އިންޓާނުން ޒިޔާރަތެއްކުރި އެވެ.
މީގެ އިތުރުން، ބ. އަތޮޅާއި ރ. އަތޮޅަށް އަމާޒުކޮށްގެން ދެ ބަޔަކަށް ބަހާލައިގެން ދެ ހަފުތާގެ މުއްދަތަށް އިޖުތިމާއީ ޞިއްޙީ ޚިދުމަތުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިޔަ އެވެ. މީގެ ސަބަބުން އިންޓާނުންނަށް އަސާސީ ޞިއްޙީ ޚިދުމަތްތަކުގެ ތަޖުރިބާ ލިބި، އާންމު ޞިއްޙަތާ ގުޅުން ހުރި ކަންކަމުގައި އަމަލީގޮ ތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށް އޭޑީކޭ އިން ބުންޏެވެ.