މި އަހަރު ވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ދޭން ނިންމާފައިވާ މަސްދަޅު ކޭސް ވަރަށް އަވަހަށް ބަގަން ފަށާނެ ކަމަށް ލޯކަލް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އަހަރާ އެއްގޮތަށް މި އަހަރު ވެސް މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާނީ މިނިސްޓްރީ އާއި އެސްޓީއޯ އިން ކައުންސިލްތަކާ ގުޅިގެންނެވެ. މިނިސްޓްރީން ބުނީ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް ފަސޭހައިން މަސްދަޅު ކޭސް ފޯރުކޮށް ދިނުމަށްޓަކައި އައްޑު އާއި ކުޅުދުއްފުށީގައި މިހާރު ވެސް ބައެއް މަސްދަޅު ކޭހުގެ ސްޓޮކްތަކެއް ރައްކާކޮށްފައިވާ ކަމަށެވެ.
މިފްކޯ އިން ބުނި ގޮތުގައި ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭސް ހަދިޔާ ކުރަން ހަމަޖެހިފައިވާތީ އެކަމަށް ޖުމްލަ 118,977 މަސްދަޅު ކޭސް ބޭނުންވާ ކަމަށެވެ. އެހެންވެ ތެރެއިން މިހާރު 115,078 ކޭސް އުފައްދައި ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯ އިން ބުނީ ބާކީ 3,899 ކޭސް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް އަންނަނީ ކުރަމުން ކަމަށެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައިވެ އެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519ކޭހާއި، އަތޮޅުތަކުގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 ކޭހެވެ.