Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޝަކުވާ އަކީ ދެ އަހަރުގައި ކުރެވުނު ކަމެއް ނެތީމަ

ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރުވީ، ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ އެއްވެސް ކަމެއް ނުކުރެވޭކަމުގެ ކަންބޮޑުވުމާއި ޝަކުވާތައް ކަމަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އުފަން ސިޓީ، ފުވައްމުލަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު ދޮރުންދޮރަށް ހަރަކާތަކަށް ފަހު ސައިސަލް ވިދާޅުވީ ގިނަ ރައްޔިތުންތަކަކާ ބައްދަލުވެ، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އިވުނު އިރު، މައިގަނޑު ކަންބޮޑުވުމަކީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުމުގެ ޝަކުވާ ކަމަށެވެ.

އެހެންވެ ރައްޔިތުން އެދެނީ ރަށަށް ކަންކަން ވާނެ މަގެއް ފަހިވުން ކަމަށާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އިން ހޯދައި، ސަރުކާރު ޖަވާބުދާރީ ކުރުވައި، ރަށަށް ތަރައްޤީ ގެންނަން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށް ވިދާޅު އެވެ.

ފައިސަލް ވިދާޅުވީ އަންނަ އެޕްރީލް މަހުގެ 4 ގައި ބާއްވާ އިންތިހާބަކީ ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ އިންތިހާބެއް ކަމަށާއި މި ފާއިތުވެ ދިޔަ ދެ އަހަރުގެ ތަހުރިބާ އަށް ބަލާ އިރު، ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ރައްޔިތުން ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރާ އެކު މަޑުޖެހިފައިވާ ކަމަށް ރައްޔިތުން ފާހަގަ ކުރަމުން އަންނަ ކަމަށެވެ. އަދި ރައީސް މުޢިއްޒު ރަށްރަށަށް ވެވަޑައިގެންފައިވާ ވައުދުތައް ނުފުއްތާ ކަމުގެ ކަންބޮޑުވުން، ރަށު ކައުންސިލްތަކާއި، އެ ރަށްތަކުގެ ރައްޔިތުން ވެސް ފާޅުކުރާކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތް އިންތިހާބުގައި ފުވައްމުލައް ސިޓީން އެމްޑީޕީއަށް ފުރިހަމަ ކާމިޔާބީއެއް ލިބި ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަވެ، ރަށުގެ ރައްޔިތުންނަށް އެކަމުގެ ފަސޭހަކަން ލިބިގެން ދިޔުން." ފައިސަލް ވިދާޅުވިި އެވެ.