ޓޫރިސްޓުންތަކެއް ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރެއް ޖަޕާނުގައި ގެއްލިއްޖެ އެވެ.
އިއްޔެ ހެނދުނުގެ އެ ހާދިސާގައި ތިން މީހުންނާ އެކު ހެލިކޮޕްޓަރު ގެއްލިފައި ވަނީ އެ ގައުމުގެ އެންމެ މަޝްހޫރު، ގޮވާ އެއް ފަރުބަދަ ކަމަށްވާ މައުންޓް އަސޯ ސަރަހައްދަށެވެ.
ހެލިކޮޕްޓަރު އެ ސަރަހައްދަށް ދަތުރުކުރީ އެއިން ދަތުރުކުރި ޓޫރިސްޓުން ތަން ބަލާލުމުގެ ގޮތުންނެވެ.
ނަމަވެސް 10 މިނިޓްގެ ޓުއާ ދަތުރަށް ފަހު ހެލިކޮޕްޓަރުގެ ޚަބަރެއް ނުވެ، ގެއްލިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ. އޭގައި ޕައިލެޓަކަށް އިނީ 40 އަހަރުގެ ތަޖުރިބާ ހުރި 64 އަހަރުގެ މީހެކެވެ. ހެލިކޮޕްޓަރުގައި އޭނައާ އެކު ދަތުރުކުރީ ޓައިވާންގެ ދެމަފިރިއެކެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ހެލިކޮޮޕްޓަރުގެ ޙަބަރެއް ނުވެގެން ފުލުހުން ހެލިކޮޕްޓަރެއްގައި ހަރަކާތްތެރިވަމުން ދަނިކޮށް މައުންޓް އަސޯގެ ސަރަހައްދުން ހެލިކޮޕްޓަރުގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ވެއްޓިފައި ވަނިކޮށް ފެނިފައިވެ އެވެ. ނަމަވެސް އެއީ ގެއްލުނު ހެލިކޮޕްޓަރުގެ އެއްޗެއް ކަމަށް އަދި ކަށަވަރު ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ގެއްލުނު ހެލިކޮޕްޓަރަކީ އެމެރިކާގައި އުފައްދާފައިވާ ރޮބިންސަން އާރް44 މަރުކާގެ އެއްޗެކެވެ.
ޓަކޫމީ އެންޓަޕްރައިސް ކިޔާ ކުންފުންޏަކުން އޮޕަރޭޓްކުރާ ހެލިކޮޕްޓަރު އިއްޔެ ގެއްލުމުގެ ކުރިން އެހެންވެ ދެ ދަތުރެއް ވެސް ކުރި އެވެ. އެހެންވެ އެއަށް އެއްވެސް މައްސަލައެއް ދިމާވެފައިވާކަން ފާހަވެފައި ނެތް ކަމަށް ކުންފުނިން ބުންޏެވެ.
އެ ހޯދުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.