އިންޑިއާގެ މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރާޝާ ތަޑާނީގެ ދެވަނަ ފިލްމު "ލައިކޭ ލައިކާ" އަށް އޭނަގެ އަޑުން ކިޔާފައިވާ ލަވައެއް އާންމުކޮށްފި އެވެ.
"ޗާޕް ތިލަކް" ގެ ނަން ދީފައިވާ މި ލަވައިގެ އަޑުގެ ވެރިންނަކީ ރާޝާ އާއި ފިލްމުގެ ބަތަލު އަބޭ ވަރުމާ އެވެ. ލަވައިގެ މިއުޒިކް ހެދީ ފަރިދްކޯތެވެ. އަދި ލަވައިގެ ޅެން ހަދާފައި ވަނީ ސިދާތު-ގަރީމާގެ އިތުރުން އައިޕީ ސިންގް އެވެ.
މި އަހަރުގެ ޖޫންގައި ރިލީޒް ކުރަން ނިންމާފައިވާ "ލައިކޭ ލައިކާ" އަށް ރާޝާގެ އަޑުން ލަވައެއް ކިޔާފައިވާ އިރު، އޭނަ ތައާރަފުވީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އާޒާދު" އިންނެވެ. ބެލުންތެރިންގެ ފިނި ތަރުހީބެއް އެ ފިލްމަށް ލިބުނު ނަމަވެސް ރާޝާގެ އެކްޓިންއަށާއި ނެށުމުގެ ހުނަރަަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.
އަދި ދެވަނަ ފިލްމަށް އޭނަގެ އަޑުން ލަވައެއް ރެކޯޑްކޮށް، ލަވަކިޔުމުގެ ހުނަރު ދައްކައިލި އިރު، ރާޝާ ފާހަގަ ކުރެވެނީ ވަރަށް އުންމީދީ ބަތަލާއެެއްގެ ގޮތުގަ އެވެ.
"ލައިކޭ ލައިކާ" އަކީ ފޭންޓަމް ސްޓޫޑިއޯސް އަށް ސޯރަބް ގުޕްތާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ޕޯސްޓަރުތަކެއް ވެސް މިދިޔަ ހަފުތާގައި ދައްކާލާފައިވެ އެވެ.
ރާޝާ އަމިއްލަ ފިލްމަކަށް އަމިއްލަ އަޑުން ލަވައެއް ރެކޯޑްކުރި އިރު، މީގެ ކުރިން ވެސް ބޮލީވުޑްގެ ބައެއް ތަރިން އެ މީހުންގެ ފިލްމުތަކަށް އަމިއްލަ އަޑުން ލަވަތައް ކިޔާފައިވެ އެވެ. އޭގެ ތެރޭގައި ޝްރަދާ ކަޕޫރާއި އާލިއާ ބަޓާއި ޕަރިނީތީ ޗޯޕްޅާ އާއި ތާރާ ސުތާރިއާ އާއި ޝާހްރުކް ޚާނާއި އާމިރު ޚާން އަދި ސަލްމާން ޚާން ފަދަ ތަރިން ހިމެނެ އެވެ.