ދިރާސީ އާ އަހަރު ފަށަން ހަފުތާއެއްހާ ދުވަހަށްވެފައި ވަނިކޮށް އައްޑޫ މަރަދޫ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާންކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންނަށް ދިރާސީ އާ އަހަރު ފަށަން ނިންމާފައިވާ ދުވަސް ކަމަށްވާ މި މަހުގެ 27 ގެ މެންދުރު ފަހު ފަހު 1:30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ޕްރިންސިޕަލުންގެ ޝަރުޠެއް ކަމަށް ކަނޑައަޅާފައި ވަނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައި ދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއި، ސްކޫލެއްގެ ޓީޗަރެއްގެ ގޮތުގައި މަދުވެގެން ދެ އަހަރު ޚިދުމަތް ކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި ހަތަރު އަހަރު ޚިދުމަތްކޮށްފައިވުމެވެ.
އަދި ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަ ކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި އަށް އަހަރު ޚިދުމަތްކޮށްފައިވުމެވެ.
ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ މަރަދޫ ސްކޫލަށް ޕްރިންސިލަކު ހޯދަން އިއުލާންކުރި އިރު، އެ ސްކޫލްގެ ޕްރިންސިޕަލެއްގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި އަބްދުއްލަތީފު އަލީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހިތަދޫ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަަށް ބަދަލުކޮށްފަ އެވެ.