Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ތިލަމާލެ ބްރިޖް ނިމޭނީ އަންނަ އަހަރު: މުއްތަލިބް

އިންޑިއާގެ އެހީގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖް މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް މިހާރު ލަފާކުރެވެނީ އަންނަ އަހަރު ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ އަހަރުގެ ސެޕްޓެމްބަރު ހިސާބަށް އެ މަޝްރޫއު ނިމޭނެ ކަމަށެވެ.

މުއްތޮލިބު ވިދާޅުވެފައިވަނީ މި އަހަރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ނަމަވެސް، ދައުލަތުގެ މީޑިއާ ޕީއެސްއެމްގައު މިނިސްޓަރު ރޭ ވިދާޅުވީ ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ބޭނުންވާ ސްޕީޑުގައި ނޫން ކަމަށާއި ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމުގައި ކޮންޓްރެކްޓަރަށް ވެސް ދަތިތައް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާ އެގްޒިމް ބޭންކުގެ ލޯނަކުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މައި ކޮންޓްރެކްޓަރަކީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އެވެ.

މުއްތޮލިބު ވިދާޅުވީ އިންޑިއާ ސަރުކާރާ ގުޅިގެން މަސައްކަތް ވީހާ ވެސް އަވަސް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މަސައްކަތް ކުރިއަށް އެބަދޭ. ވިލިމާލެ އާއި މާލެއާ ގުޅާލުމުގެ ކުލަމަތި ވެސް ފެންނަމުން އެބަދޭ. އެ ސެގްމެންޓުތައް އެޓޭޗު ކުރަމުން އެ ދަނީ." އޭނާ ވިދާޅުވި އެވެ.

މިހާރަށް ވުރެ ވެސް މަސައްކަތް އަވަސްކުރެވޭނެ ގޮތްތައް ހުރިތޯ ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އޮތް ގޮތުން ވިއްޔާ މި އަހަރު ނިމޭއިރަށް ގާތްގަނޑަކަށް ވިލިމާލެއާ ހަމައަށް ގުޅާލެވޭނެ ކަމަށް ބަލަނީ. ނަމަވެސް އަޅުގަނޑުމެން ބޭނުން ވަނީ މިހާރު ގުޅިފަޅު ވެސް އާބާދުވަމުން އަންނާތިއްޔާ އެއްކޮށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ އެކީ މަސައްކަތްކޮށްގެން ވީހާ ވެސް އަވަހަކަށް ކުރަން." މުއްތަލިބް ވިދާޅުވި އެވެ. "ޕްރޮޖެކްޓު ނުހުއްޓި ކުރިއަށް އެބަދޭ. މިހާރު ދާ ގޮތަށް ދާ ކަމަށް ވަންޏާ އަންނަ އަހަރު ޕްރޮޖެކްޓު ނިމޭނީ."

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މީގެ ތެރެއިން 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ އެވެ.

ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވެ އެވެ.

ތިލަމާލެ ބްރިޖް މަޝްރޫއަކީ ރާއްޖޭގައި މިހާރު ކުރިއަށްދާ އެންމެ ބިޔަ އުމްރާނީ މަޝްރޫއެވެ. މި މަޝްރޫއަކީ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މަޝްރޫއެކެވެ.