ދާދި ފަހުން އަޅުގަނޑު ރާއްޖެއަށް ކުރި ދަތުރެއްގައި ބައްދަލުވި އުމުރުން ފަސްއަހަރުގެ ތިމާގެ ކުއްޖަކާ ދިވެހިބަހުން ވާހަކަ ފެށުމުން އަޅުގަނޑު ހައިރާންވީ އެކުއްޖާ ބުނި ވާހަކައަކުންނެވެ؛ "ދިވެހި ބަހުން ނުދައްކާނަން. ދިވެހިބަސް ވަރަށް ފޫހި!" މިއީ ހަމައެކަނި އެކުއްޖާގެ ވާހަކައެއް ނޫނެވެ. މިހާރު ރާއްޖޭގެ ގިނަކު ދިންގެ ވިސްނުން ހުރީ މި ބީދައިންނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.
ބަސް ދަސްކުރުމާ ބެހޭ ދިރާސާތަކުން ހާމަވާ ގޮތުގައި، ކުދިން ބަސް އެންމެ ރަނގަޅަށް އުނގެނެނީ އެކުދިން ދިރިއުޅޭ މާހައުލުންނެވެ.
ބައްޕަ އާއި މަންމަ އާއި އާއިލާގެ މީހުންނާއި އެކުވެރިންނާ އެކީ އަމަލީ ގޮތުން ކުރެވޭ ބަހުގެ މުއާމަލާތް ތަކުންނެވެ. ބަހެއް އޭގެ އެންމެ ފުރިހަމަގޮތުގައި އުނގެނުމަށް ބޭނުންވާ މައިގަނޑު އެއް އަސާސަކީ އިޖްތިމާއީ ގުޅުމެވެ. އެބަހަކުން ސުވާލު ކުރުމާއި، ޖަވާބު ދިނުމާއި އަދި ޚިޔާލު ބަދަލުކުރުމުގެ ފުރުސަތެވެ.
މިއަދު ރާއްޖޭގެ ތުއްތު ކުދިން އާންމުގޮތެއްގައި އިނގިރޭސިބަހަށް އަހުލުވެރިވަނީ އިންޓަނެޓް ޒަރިއްޔާއިންނެވެ. ގިނަ ވަގުތު ޔޫޓިއުބް ބެލުމާއި ތަފާތު ވައްތަރުގެ ގޭމުކުޅުމުގެ ތެރެއިންނެވެ. އެކުދިންގެ އިނގިރޭސި ބަހުގެ ބަސްމަގު ބައްޓަން ވެގެން މިދަނީ އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި އިންޑިއާ ފަދަ ގައުމުތަކުގެ މީހުން އުފައްދާފައިވާ މާބޮޑު އުސޫލުތަކެއް އަދި މިންގަނޑުތަކެއް ކަނޑައެޅިފައި ނުވާ ތަފާތު ވައްތަރުގެ ވީޑިއޯތަކާއި، ގޭމް އަދި ޕްރޮގްރާމްތަކުގެ ތެރެއިންނެވެ.
މިއާ ޚިލާފަށް، ދިވެހި ގޭބިސީތަކުގައި އާންމުކޮށް ބޮޑެތި މީހުން އަދިވެސް ގިނައިން ވާހަކަ ދައްކަނީ ސާފު ދިވެހިބަހުންނެވެ. ސަރުކާރުގެ ރަސްމީ ބަހަކީ ދިވެހި ބަހެވެ. ޢާންމު ރައްޔިތުން ދުވަހުން ދުވަހަށް ވާހަކަ ދައްކާ އުޅެނީ ދިވެހި ބަހުންނެވެ. ނަމަވެސް، މިހާރުގެ ތުއްތު ކުދިން ދިވެހި ބަހާ ވަރަށް ދުރުހެލިކަން އެއީ ހަގީގަތެކެވެ. އަދި، އެ ކުދިންގެ އިނގިރޭސި ބަސްމޮށުންތެރިކަން އޮތީ ވެސް އެންމެ އެދެވޭ ހާލަތެއްގައެއް ނޫނެވެ.
އެހެންކަމުން، އަޅުގަނޑުމެންގެ ތުއްތު ކުދިން ހަގީގަތުގައި މުއާމަލާތް ކުރަނީ ކޮން ބަހަކުން ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެބަ އޮތެވެ.
އާނއެކެވެ. ގައުމެއްގެ ކުރިމަގު އަބަދުވެސް ބިނާ ކުރާނީ އެގައުމެއްގެ ޒުވާން ޖީލެވެ. އެޒުވާން ޖީލުގެ މެދުގައި މުއާމަލާތް ކުރަން ބޭނުން ކުރެވޭ ބަހާއި، އެމީހުންގެ ވިސްނުމާއި، ފިކުރާއި އަދި ގަބޫލު ކުރާ ގަބޫލު ކުރުންތަކާ އެކުގަ އެވެ. އަޅުގަނޑުމެން އަބަދުވެސް ފަޚުރުވެރިކަމާ އެކެ އަޅުގަނޑުމެން ދިވެހިންނަކީ އެއް ދީނަކަށް އުޅޭ އެއް ބަހަކުން ވާހަކަ ދައްކާ ބައެއް ކަމަށް ދެކެމެވެ. ޔަގީނުން ވެސް މިއަދުގެ ޒުވާން ޖީލުވެގެން ދާނީ މީގެ ވިއްސަކަށް ތިރީހަކަށް އަހަރު ފަހުން އެކި ރޮނގުރޮނގުން އަޅުގަނޑުމެންގެ ގައުމުގެ ހުންގާނުގައި ހިފާނެ މީހުންނަށެވެ.
އެހެންކަމުން މިހާރުގެ މިހާލަތަށް ބަލާއިރު ގައުމުގެ މިސްރާބު ހުރީ ކޮން ދިމާލަކަށްތޯ ސުވާލުކޮށްލުން މުހިއްމެވެ. ނޫން ތޯ އެވެ؟
ނޯޓް: މިއީ ޕްރޮފެސަރު ހަސަން އުގައިލްގެ ލިޔުއްވުމެކެވެ.