ބޮލިވުޑްގެ ތަރި، އާމިރު ޚާން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ގޯރީ ސްޕްރަޓާ އެކު އާ ގެއަކަށް ވަރަށް އަވަހަށް ބަދަލުވާން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އާމިރު ބަދަލުވާން އުޅެނީ އާއިލާއާ އެކު މިހާރު މުމްބާއީގައި ދިރިއުޅެމުން އަންނަ ގެއާ މާ ދުރު ނޫން ހިސާބެއްގައި ހުރި ގެއަކަށް ކަމަށެވެ. އެކަން އާމިރު ވެސް ކަށަވަރުކޮށް ދެމުން ބުނީ އާ ގެއަކަށް ބަދަލު މި ވަނީ އޭނަ ޕްރޮޑިއުސްކޮށް އަދި ރޯލެއް ވެސް ކުޅެ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ހެޕީ ޕަޓޭލް" އަށް ލިބެމުން އަންނަ ތަރުހީބުގެ އުފަލުގެ ތެރޭގައި ކަމަށެވެ.
އާމިރު ބުނި ގޮތުގައި އޭނަ އާއި ގޯރީ ގުޅުމާ މެދު ވަރަށް ސީރިއަސް އެވެ. އެކަމަކު ރަސްމީކޮށް ކައިވެނި ކުރުމުގެ ޕްލޭނެއް އަދިއެއް ނެތް ކަމަށް ބުންޏެވެ.
"އަހަރެމެން ދެ މީހުން މިހާރު ހަމަ ދެމަފިރިން ކަހަލަ،" އާމިރު ބުންޏެވެ. "އަހަންނަށް އިހުސާސް ކުރެވެނީ ހަމަ ކައިވެންޏެއްގެ ތެރޭގައި އުޅެވޭ ކަމަށް."
އާމިރުގެ ކުރީގެ ދެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެ އެވެ. އޭގެ ތެރެއިން އަލަތު ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ހަގި ދަރިފުޅު އިރާ ޚާން ވަނީ 2024 ގައި ކައިވެނި ވެސް ކޮށްފަ އެވެ. އާމިރުގެ ދޮށީ ދަރިފުޅު ޖުނައިދަކީ އެކްޓަރެކެވެ. އޭނަގެ ތިން ވަނަ ފިލްމު "އޭކް ދިން" އަންނަ މެއި 1 ގައި ރިލީޒް ކުރާނެ އެވެ.
އާމިރު، 60، ގެ ހަޔާތަށް މިދިޔަ އަހަރު އާ ބައިވެރިޔަކު އައި އިރު، ކުރީގެ ދެ އަނބިންނާ ވެސް އޭނަ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އެ ދެ މީހުންނަކީ ރީނާ ދައްތާ އާއި ޑައިރެކްޓަރު ކިރަން ރާއޯ އެވެ. އާމިރުގެ މިހާރުގެ ބައިވެރިޔާ އަކީ ކުރިން ކައިވެންޏެއްކޮށް 6 އަހަރުގެ ދަރިޔަކު ހުރި މީހެކެވެ.