Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޓެކުހަށް މަކަރު ހެދި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި

ކޯވިޑް-19ގެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުންޏަކަށާއި އަދި ދެ ޑޮކްޓަރަކަށް ދައުވާކޮށްފި އެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާދާރުން ކަމަށްވާ ހ. އޯކިޑް، ޑރ. އިކްލީލް ޝަރީފްއާއި، މ. ގައްދަޑުގެ، ޑރ. ޢަލީ ޢަބްދުﷲ ލަޠީފާއި، މި ދެމީހުންގެ މަޞްލަޙަތު އޮންނަ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ މި މައްސަލައިގައި ހިމެނޭ ކުންފުނިތަކުން ވަނީ 20 މިލިއަން ރުފިޔާގެ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައި ކަމަށެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ، ޓެކްސް ދެއްކުމުން އެއްކިބާވި އަދަދުގެ ދެ ގުނައަށްވާ 40.4 މިލިއަން ރުފިޔާއިން ކުންފުނިތައް ޖޫރިމަނާކުރުމަށް ކޯޓުގައި އެދޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ތިން ދައުވާއެއް އަދި ގާނޫނު ހިންގަން ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދައުވާ އައިލެންޑް ހެލްތު ސޮލިއުޝަންގެ މައްޗަށް ކޮށްފައިވާނެ ކަމަށެވެ.

އައިލެންޑް ހެލްތު ސޮލިއުޝަން ކުންފުނީގެ ޑިރެކްޓަރަކަށް ހުންނެވި ލަތީފުގެ މައްޗަށް ކޮށްފައިވަނީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ތިން ދައުވާއެކެވެ. ޕައިނިއާ މޯލްޑިވްސް ކުންފުނީގައި ލަތީފްގެ މަސްލަހަތު އޮންނަ ކަމަށާއި ކޮވިޑް ދުވަސްވަރު އެ ކުންފުނިތައް ހިންގުމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ހޯދިފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕައިނިއާ މޯލްޑިވްސްގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ދެެ ދައުވާއެއް ކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕައިނިއާ މޯލްޑިވްސްގެ ކުންފުނީގެ ޑިރެކްޓަރު އިކްލީލްގެ މައްޗަށްވެސް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ތިން ދައުވާއެއް ކޮށްފައިވާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އިކްލީލަކީ އައިލެންޑް ހެލްތު ސޮލިއުޝަންސް އާއި ޕައިނިއާ މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާދާރެއްކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މީގެއިތުރުން އަލީ ފަޔާޒް، ބޯވެލި/އދ. މާމިގިލި މައްޗަށް، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ފަސް ދައުވާއެއް ކޮށްފައިވާ ކަމަށާއި، އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ މި މައްސަލައިގެ ހިމެނޭ ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާއާ ހަވާލުވެ އެކަން ކޮށްފައިނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.