Last Updated: June 5, 20:43
Friday, June 5, 2026
ރިޕޯޓް

ރޯދަ ޤަޟާކުރަން ފިރިމީހާގެ އިޒުނަ ހޯދަން ޖެހޭނެތަ؟

ޢުޛުރެއްގެ ސަބަބުން ފާއިތުވެގެންދާ ފަރުޟު ރޯދަ ހިފުމަކީ ވާޖިބެކެވެ. ވާޖިބު ރޯދަ ހިފާއިރު ފިރިމީހާގެ އިޛުނަ ހޯދުމަކީ ޝަރުޠެއް ނޫނެވެ. ވާޖިބު ނޫން ރޯދަ ހިފާއިރު، ފިރިމީހާ ޙާޟިރުވެ ހުރި ނަމަ ފިރިމީހާގެ އިޛުނަ ހޯދަން ޖެހޭނެ އެވެ.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لَا يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ {رواه البخاري (5191) ومسلم (1026}

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެ އެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އަންހެނަކަށް، އެކަނބުލޭގެ ފިރިމީހާ ޙާޟިރުވެ ހުއްޓާ، އޭނާގެ އިޛުނައާ ނުލައި ރޯދަ ހިފުން (އެބަހީ ސުންނަތް ރޯދަ) ހުއްދަވެގެން ނުވެ އެވެ.”

މިތަނުގައި މިބުނާ ރޯދައަކީ ސުންނަތް ރޯދަކަން އަންނަނިވި ރިވާޔަތުން އެނގެ އެވެ.

(لَا تَصُومُ الْمَرْأَةُ وَبَعْلُهَا شَاهِدٌ إِلَّا بِإِذْنِهِ غَيْرَ رَمَضَانَ) {.أبو داود (4258) والترمذي (782) صححه الألباني في صحيح الترمذي.}

“އަންހެނަކު، އޭނާގެ ފިރިމީހާ ޙާޟިރުވެހުއްޓާ، އޭނާގެ އިޛުނައާ ނުލައި، ރަމަޟާންމަހުގެ ރޯދައެއް މެނުވީ ނުހިފާ ހުށިކަމެވެ.”

ޤަޟާ ރޯދައަކީ ރަމަޟާން މަހުގެ ރޯދައެކެވެ. އަދި އެހެނިހެން ވާޖިބު ރޯދަތަކަށް ވެސް އަންނާނީ މި ޙުކުމެވެ. މިސާލަކަށް ކައްފާރާގެ ރޯދަ އާއި، ނަދުރު ރޯދަ ފަދަ ވާޖިބު ރޯދަތައް ހިފާއިރު ވެސް ފިރިމީހާގެ ހުއްދަ ހޯދާކަށް ނުޖެހޭނެ އެވެ.

ސަބަބު: ވާޖިބު ރޯދާގައި ފިރިމީހާގެ ހުއްދަ ހޯދަން ނުޖެހޭ ސަބަބަކީ، ވާޖިބު ރޯދައަކީ ﷲ އަށްޓަކައި ވާ ދަރަންޏަކަށްވާތީ އެވެ. ﷲ އަށް ކިޔަމަން ގަތުމާއި ފިރިމީހާ އަށް ކިޔަމަންގަތުމާއި ދެކަމަކީވެސް ވާޖިބަށް ވާ ހިނދު، މީގެ ތެރެއިން ބޮޑަށް އިސްކަން ދޭން ޖެހެނީ ﷲ ގެ ޙައްޤަށެވެ.

ސުންނަތް ރޯދަ ހިފާއިރު ފިރިމީހާގެ އިޛުނަ ހޯދަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެ ސަބަބަކީ ފިރިމިހާއަށް ކިޔަމަން ވުމަކީ ވާޖިބަކަށް ވެފައި ސުންނަތް ރޯދަ ހިފުމަކީ ސުންނަތަކަށް ވާ ހިނދު، ސުންނަތަށް ވުރެ ވާޖިބަށް އިސްކަން ދޭން ޖެހޭނެތީ އެވެ. ވާޖިބު އަޅުކަމަކާއި ސުންނަތް އަޅުކަމަކާ ދެކަން އެއްފަހަރާ ކުރަން ޖެހިއްޖެ ނަމަ އަބަދު ވެސް އިސްކަން ދޭން ޖެހޭނީ ވާޖިބު އަޅުކަމަށެވެ.

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.