ހުޅުމާގައި އޮޅު ހިޔާގެ ނަމުގައި ހަދާފައިވާ ބުޅާ ފެސިލިޓީ މާލެ ކައުންސިލާ އަލުން ހަވާލު ކުރަން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގައި އެދިއްޖެ އެވެ.
މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަަލަހައްޓަން ހުޅުމާލޭގައި ހަދާފައިވާ ބުޅާ ފެސިލިޓީ އަނބުރާ ކައުންސިލާ ހަވާލުކޮށް ދިނުމަށް ސަރުކާރުގައި އެތަށް ފަހަރެއްގެ މަތިން އެދެވިފައިވާނެ ކަމަށެވެ. އޭނަ ވިދާޅުވީ އޮޅު ހިޔާ ހެދި ނަމަވެސް މާލޭގެ މަގުތަކުން ބުޅާލާއި ބުޅަލުގެ ނަޖިސް ހުސްނުވެ ފެސިލިޓީގެ މަސައްކަތް ރަނގަޅަށް ކުރިއަށް ނުގެންދެވޭތީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށެވެ.
އެހެންވެ އެ މަސައްކަތާ ކައުންސިލާ ހަވާލު ކުރަން ފެސިލިޓީ ދެ ހަފުތާގެ ތެރޭގައި ކައުންސިލާ ހަވާލު ކުރަން އެދިފައިވެ އެވެ.
އެ ފެސިލިޓީ އަކީ ކައުންސިލުން ހަރަދުކޮށްގެން ހެދި ތަނެކެވެ. ނަމަވެސް އޮޅު ހިޔަލަށް ބުޅާތައް ނުގެންދެވި ދިގުލައިގެން ދާން ފެށުމުން އެތަން ކައުންސިލްގެ އަތުން ނަގައި މިނިސްޓްރީގެ ދަށަށް ބަދަލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ގަ އެވެ. އަދި އެތަނަށް ބުޅާތައް ގެންދަން ފެށީ ވެސް އެ މަހުގެ ތެރޭގަ އެވެ.