ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދޭ ޚާއްސަ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
'ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް' އަކީ ކޮންމެ އަހަރެއްގެ ވެސް ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ސިއްޙަތު ޖަމިއްޔާއިން ދެއްވާ އެވޯޑެކެވެ. އެ ދުވަސް ފާހަގަ ކުރަނީ މެއި 31 ގަ އެވެ.
ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެވޯޑް ދެނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަޤްސަދުގައި ކަމަށެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 13 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
އެގޮތުން ދުންފަތް ކޮންޓްރޯލްކޮށް، ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުންހުރި މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރުދުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި، އިދާރާތަކުން އިނާމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މި އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރަކީ "އަންމާސްކިން ދަ އެޕީކް-ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން" އެވެ.