ވެރިކަން ކުރާ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން 24 ގަޑިއިރު ތިބެނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު (އިއްބެ) ވިދާޅުވެއްޖެ އެވެ.
ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތައް ބާއްވާތީ އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން "ސަންގުޓީވީ"ގެ ޕްރޮގްރާމެއްގައި އިއްބެ ވިދާޅުވީ މަޖިލިސް އޮތީ ޗުއްޓީގައި ނަމަވެސް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކަމަށާއި ނޭވާހޮޅިއަށް އެޅުމުން ކަންކަން ނިންމަން ތިބުމުގެ ބަދަލުގައި ޕީއެންސީގެ މެމްބަރުން ނިންމީ ޗުއްޓީ ތެރޭގައި ވެސް ރައްޔިތުންނަށް ހިދުމަތްކޮށްދޭން ކަމަށެވެ.
ދައުރުން ބޭރުގައި މި މަހުގެ ކުރީކޮޅު ބޭއްވި ޖަލްސާއެއްގައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ބިލެއް ހުށަހަޅާފަ އެވެ. މި ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރަން މިހާރު ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
"ސަރުކާރުން ދެކެވަޑައިނުގަންނަވާ ޕީއެންސީގެ މެމްބަރުންނަކީ ޗުއްޓީގައި ތިބި ބައެއް ކަމަކަށް. އަޅުގަނޑުމެން މި ދެކެނީ، އަޅުގަނޑުމެން މިތިބެނީ 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި،" އިއްބެ ވިދާޅުވި އެވެ.
އިއްބެ ވިދާޅުވީ ދައުލަތެއް ހިންގުމަށް ބޭނުންވާ އަސާސީ އެހީތެރިކަމެއް މަޖިލީހުން ގާނޫނު ހަދައިގެން ފޯރުކޮށްދޭން ޖެހިއްޖެނަމަ، ޗުއްޓީއަކަސް އެކަން ކޮށްދިނުމަކީ މެމްބަރުންގެ ޒިންމާއެއް ކަމަށެވެ.
"އެހެންވީމާ ދައުރުން ބޭރުގައި އެބޭފުޅުން އެ ވިދާޅުވަނީ މަޖިލީހުގެ ދައުރުގެ ވާހަކަ. އަޅުގަނޑުމެންނަށް ދައުރުން ބޭރެއް ނޫން. ސަރުކާރު ވެރިކަން ކުރާހާ ހިނދަކު، އެއީ ދަންވަރު ވިޔަސް، ޗުއްޓީއަކަށް ވިޔަސް އެއީ އަޅުގަނޑުމެންނަށް ހަމަ ދައުރު،" އިއްބެ ވިދާޅުވި އެވެ.
މީގެއިތުރުން އިއްބެ ވަނީ ދެ އިންތިހާބު އެއްކޮށްލުމަކީ އިދިކޮޅުންވެސް ބޭނުންވާ ބަދަލެއް ކަމަށާއި ނަމަވެސް ސިޔާސީ ބަހަނާއެއް ދެއްކުމުގެ ގޮތުން އެމްޑީޕީން ފާޑުކިޔަނީ ކަމަށްވެސް ވިދާޅުވެފަ އެވެ.