ކޮވިޑް ދުވަސްވަރު ސިއްހީ ދާއިރާގައި ހިންގި ކޮރަޕްޝަނާއި ގުޅޭ މައްސަލައެއްގައި އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ އަދި މިހާރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މިހާރު ސީއީއޯ މުހައްމަދު ރިޝްވާންގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވައިފި އެވެ.
ނަމަވެސް ކޮވިޑްގެ ހިޔާނާތުގައި ތަހުގީގު ކުރަނީ އޭނައާ ގުޅޭ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނުވެ އެވެ.
ކުރިން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ރިޝްވާންގެ މައްޗަށް ތަހުގީގު ހިންގުމަށްފަހު، އެ މައްސަލާގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމަށް އެސީސީން ނިންމައި، އެ މައްސަލަ މިހާރު ވަނީ ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވައިފަ އެވެ.
ކޮވިޑް-19 ގެ ވަބާގެ ދުވަސްވަރު އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އިން އަމިއްލަ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ނާޖާއިޒު މަންފާ ހޯދައި ދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ ތުހުމަތުގައި އެ ހޮސްޕިޓަލްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމް (ބަންދު ސަލީމް) އާއި އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާމަނަކަށް އޭރު ހުންނެވި ޑރ. އަލީ އަބްދުﷲ ލަތީފާއި އިތުރު ބޭފުޅެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިދިޔަ އަހަރު ފޮނުވާފައިވެ އެވެ.