މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ 20 ގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ގއ. ވިލިނގިލި، ބުލާފަރުގޭ، އަމްޖަދު ރިޤާބް، 36، އާއި ށ. ނޫމަރާ، މޯނިންސްޓާ، މުޙައްމަދު ނާއިފް، 28، ކަމަށެވެ. ފުލުހުން ބުނި އެ މީހުން އުޅުނުގަލޮޅު ގެއެއް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވާ ކަމަށެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަންގައި 266.29 ގްރާމް ހުއްޓެވެ.
މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަމްޖަދުގެ ބަންދަށް ފަސް ދުވަސް އަދި ނާއިފް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.