ބޮލީވުޑްގެ ވަރަށް ޒުވާން ތިން ތަރިޔަކު ހިމަނައިގެން އަސަރު ގަދަ ތިނެސްކަން ލޯބީގެ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އެ ތިން ތަރިންނަކީ ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރާޝާ ތަޑާނީ އާއި ރޯހިތު ސަފަރްގެ އިތުރުން ނިތާންޝީ ގޮއެލް ކަމަށެވެ.
މިދިޔަ އަހަރު ފިލްމު "އާޒާދު" އިން ތައާރަފުވި ރާޝާ، 20، ގެ ކުރިިއަށް އޮތް ފިލްމަކީ ޖޫންގައި ގެނެސްދޭން ހަމަޖެހިފައިވާ "ލައިކޭ ލައްކާ" އެވެ. އޭނަ މިހާރު އަންނަނީ ތެލެގޫ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
މިހާތަނަށް ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ރޯހިތު، 29، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އެވެ. ނިތާންޝީ، 18، އަކީ އާމިރު ޚާންގެ ކުރީގެ އަންހެނުން ކިރަން ރާއޯ ޑައިރެކްޓްކޮށް 2023 ގައި ގެނެސްދިން "ލާޕަތާ ލޭޑީސް" އިން މަޝްހޫރުވި ބަތަލާއެކެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ރާޝާ އާއި ރޯހިތާއި ސަރަފްގެ އިތުރުން ނިތާންޝީ ލީޑަށް ލައިގެން ހަދަން ތައްޔާރީތައްވަމުން އަންނަ ފިލްމަކީ އަތުލް ކަސްބޭކަރާއ ތަނޫޖް ގަރްގް ޕްރޮޑިއުސްކުރާ ފިލްމެއް ކަމަށެވެ. ނަމަވެސް އަދި މީގެ ނަމާއި ޑައިރެކްޓަރަކީ ކާކު ކަމެއް ސާފެއް ނުވެ އެވެ.
މީޑިއަތަކުން ބުނީ ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.
ފެޝަން ފޮޓޯގްރާފަރެއްގެ ގޮތުގައި މަޝްހޫރުވި އަތުލް ކުރިން ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސޯނަމް ކަޕޫރްގެ "ނީރްޖާ" އާއި ވިދިއާ ބާލަންގެ "ތުމާރީ ސުލޫ" އަދި އިމްރާން ހާޝިމީގެ "ވާއި ޗީޓް އިންޑިއާ؟" ހިމެނެ އެވެ.