Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ފިލިޕީންސްގެ ނޫސްވެރިޔަކު 12 އަހަރަށް ޖަލަށް

ޓެރަރިޒަމަށް ފައިނޭންސް ކުރިކަމުގެ ކުށް ސާބިތުވެ ފިލިޕީންސްގެ ޒުވާން އަންހެން ނޫސްވެރިޔަކު 12 އަހަރަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފި އެވެ.

އެ ހުކުމް އިއްވީ 2020 ގެ ފެބްރުއަރީ މަހުގެ ތެރޭގައި ހައްޔަރުކޮށް ޝަރީއަތަކާ ނުލައި ފާއިތުވި ފަސް އަހަރު ޖަލުގައި ބަންދުކޮށްފައި ހުރި ފްރެންޗީ މައޭ ކަމްޕިއޯ، 26، ގެ މައްޗަށެވެ.

ފުލުހުން އޭނަ ހައްޔަކުރީ އުޅެމުން އައި ބޯޑިން ހައުސް ދަންވަރު ރެއިޑްކޮށެވެ. އޭރު ބުނެފައި ވަނީ ފްރެންޗީގެ އަތުން ބައެއް ހަތިޔާރާއި ސަރުކާރާ ދެކޮޅު ހަރަކާތަށް ބޭނުން ކުރަމުން އައި ދިދައެއް ވެސް ފެނިފައިވާ ކަމަށެވެ. އޭނަ އަކީ ފިލިޕީންސްގައި 2016-2022 އަށް ރައީސްކަން ކުރެއްވި ރޮޑްރިގޯ ޑުޓާޑްގެ ދައުރުގައި ސިފައިންނާއި ފުލުހުން އާންމު ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު އައި ނޫސްވެރިއެކެވެ.

ފްރެންޗީ އަށް އިއްވި ހުކުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އޭނަގެ މައްޗަށް ކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށާއި ހުކުމަކީ ނާއިންސާފުން އިއްވި ހުކުމެއް ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

ފްރެންޗީ ހައްޔަރުކުރި ފަހުން އޭނަ އަށް އިންސާފު ހޯދައި ދޭން ގޮވާލައި މީގެ ކުރިން ސިލްސިލާ މުޒާހަރާތަކެއް ވެސް ފިލިޕީންސްގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

އޭނަގެ މައްޗަށް މިއަދު އިއްވި ހުކުމާ ގުޅިގެން ފިލިޕީންސްގެ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ވިމެން އިން ރޭޑިއޯ އެންޑް ޓެލެވިޝަން އިން ނެރުނު ބަޔާނެއްގައި ބުނީ ފްރެންޗީގެ މައްޗަށް އިއްވި ބޭއިންސާފު ހުކުމަކީ ސަރުކާރުން ރައްޔިތުންގެ އަޑު ކަނޑާލުވާލަން ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނީ ފްރެންޗީ އަށް އިއްވި ހުކުމަކީ ވަކިން ހާއްސަކޮށް އަންހެނުންނާއި މީޑިއާތަކުގައި މަސައްކަތްކުރާ އަންހެނުންނަށް އަމާޒުކޮށްގެން އެ މީހުންގެ އަޑު ކަނޑުވާލުމުގެ އަމަލެއް ކަމަށެވެ. ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި ފްރެންޗީ އަށް އިންސާފު ހޯދައި ދޭން ކުރާ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.