Last Updated: June 6, 10:36
Saturday, June 6, 2026
ޚަބަރު

ރޯދަ ހަދިޔާ ހޮނިހިރު ދުވަހު ބަހަން ފަށަނީ

ކުރިއަށް އޮތް ރޯދަ މަހަށް ރައްޔިތުންނަށް ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް އަންނަ ހޮނިހިރު ދުވަހު ބަހަން ފަށަން ނިންމައިފި އެވެ.

ލޯކަލް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މުޅި މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުމަށް ހާއްސަކޮށް ހުޅުވާލާ ޕޯޓަލް މެދުވެރިކޮށް މިއަދު މެންދުރު 12:00 އިން ފެށިގެން ނަންބަރު ނެގޭނެ ކަމަށާއި މަސްދަޅު ކޭސް ހޯދަން އެއްވެސް މީހަކު ކިޔޫގައި ޖެހެން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް 15 ތަނަކުން ދޫކުރާނެ އެވެ. އެއީ މާލޭގެ އަށް ސަރަހައްދަކާއި ހުޅުމާލެ ހަ ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ އެއް ސަރައްދުންނެވެ.

މާލޭގައި މަސްދަޅު ކޭސް ދޫކުރާ ސަރަޙައްދުތައް:

• މިފްކޯ މަރުކަޒު
• ސޯޝަލް ސެންޓަރ
• އެމްޓީސީސީ ސޯ މިލް
• ހެންވޭރު ބޯޅަ ދަނޑު
• ގަލޮޅު ބޯޅަދަނޑުގެ 4 ސަރަހައްދެއް

ހުޅުމާލޭގައި މަސްދަޅު ކޭސް ދޫކުރާ ސަރަހައްދުތައް:

• އުމަރު ޒާހިރު ބިލްޑިން
• ޕޮލްކޯ ޓަވަރުގެ ތިރި
• މުޙައްމަދު ގާސިމް ޕްރީ ސްކޫލް
• ކާމިލް ދީދީ ސްކޫލް
• ހިޔާ ޓަވަރު 10
• ވިނަރެސް ފްލެޓް

ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓްގަ އެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އާ ހަމައަށެވެ.

މަސްދަޅު ކޭސް ރަށްރަށުގައި ބަހާނީ ކައުންސިލްތަކާ ގުޅިގެން އެސްޓީއޯ އިސްކޮށް އޮވެ އެވެ. ށްރަށުގައި ރޯދަ ހަދިޔާ ބަހާނީ އެ ރަށަކުން މިހާރު ދީފައިވާ ގޭބިސީތަކުގެ ލިސްޓުގައި ހިމެނޭ ގޭބިސީތަކަށެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މި އަހަރު 118,977 މަސްދަޅު ކޭސް ބަހާނެ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައިވެ އެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 ކޭހާއި، އަތޮޅުތަކުގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 ކޭހެވެ.