ސޮނީ ޓީވީ އަށް އަކްޝޭ ކުމާރު ހޯސްޓްކުރަން ހަމަޖެހިފައިވާ ޝޯ "ވީލް އޮފް ފޯޗޫން އިންޑިއާ" މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ޕްރީމިއާ ކުރަން ނިންމައިފި އެވެ.
އެ ރެއިން ފެށިގެން ކޮންމެ ހަފުތާއެއްހެ ހޯމަ އިން ހުކުރު ދުވަހުގެ ރެއާ ހަމައަށް ޝޯގެ އެޕިސޯޑްތައް ދައްކާނެ އެވެ. އެއީ ރާއްޖެ ގަޑިން 8:30 ގަ އެވެ.
"ވީލް އޮފް ފޯޗޫން އިންޑިއާ" އަކީ މިއީ 1975 އިން ފެށިގެން އެމެރިކާ އިން ގެނެސްދެމު އަންނަ އެމެރިކާގެ ޝޯ "ވީލް އޮފް ފޯޗޫން" ގެ އިންޑިއާގެ ވާޝަނެވެ. މި ޝޯ މިހާތަނަށް 40 އަށް ވުރެ ގިނަ ގައުމުތަކުން ގެނެސްދީފައިވެ އެވެ.
ޒަމާންތަކެއް ފަހުން އަކްޝޭ ޓީވީ ޝޯއެއް ހޯސްޓްކުރާ އިރު، އޭނަ ކުރިން ހޯސްޓްކުރި ޝޯތަކުގެ ތެރޭގައި "ފިއާ ފެކްޓާ" ގެ އިންޑިއާގެ ވާޝަން "ހަތުރޯން ކޭ ކިލާޅީ" އާއި "މާސްޓަ ޝެފް އިންޑިއާ" ހިމެނެ އެވެ.
އަކްޝޭ އަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބިޒީ އެކެކެވެ. މިދިޔަ އަ އަހަރު އޭނަގެ 5 ފިލްމެއް ރިލީޒްވެފައިވާ އިރު، އަންނަ އަހަރު އަކްޝޭގެ ފުރަތަމަ ފިލްމަކަށް ވާނީ އެޕްރީލްގައި ގެނެސްދޭ "ބޫތު ބަނގްލާ" އެވެ.