މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު) ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ހިފުމުގެ ފަސް ދައުވާ ވެސް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށް ފިއެވެ.
އޭނަގެ މައްޗަށް ރިޝްވަތު ހިފުމުގެ ޖުމްލަ ހަތް ދައުވާއެެއް ކޮށްފައިވެ އެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނަ 12 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ގައި ހުކުމްކޮށްފައިވެ އެވެ.
ކުރިމިނަލް ކޯޓުގެ އެ ހުކުމް މާނުގެ ފަރާތުން ވަނީ ހައި ކޯޓުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ އަދިވެސް އޮތީ "ހުށަހެޅިފައި" މަރުހަލާގަ އެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ވަނީ މާނުގެ މައްޗަށް ދެންކުރާ ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް ތާވަލުކޮށްފައެވެ. މިއަދު އޮތީ ހުކުމް ކުރުމެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ކުރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މާނުގެ މައްޗަށް ރިޝްވަތުގެ ފަސް ދައުވާ ސާބިތު ނުވާ ކަމަށް ކަމަށެވެ.
އެހެންވެ ސާބިތު ނުވާ ކަމަށް ކަނޑައެޅި ފަސް ދައުވާ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާކޮށްފައި ވަނީ ގޭހުގެ އެމްޑީގެ މަގާމުގައި ހުންނެވި އިރު، އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3.1 މިލިއަން ރުފިޔާ ނެގި ކަމަށް ތުހުމަތުވާ މައްސަލައެއްގަ އެވެ.
އެ މައްސަލައިގައި މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.
އަދި އެ މައްސަލައިގައި ފައިސާ އަނބުރާ ހޯދުމަށް ވެސް ނިންމާފައިވެ އެވެ.