Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އީސީ އޮތީ ސަރުކާރުގެ ނުފޫޒުގެ ތެރޭގައި: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތައްޔާރުވަމުން އަންނަ އިރު އިލެކްޝަންސް ކޮމިޝަން (އީސީ) އޮތީ ސަރުކާރުގެ ނުފޫޒުގެ ތެރޭގައި ކަމަށާއި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސަރުކާރުން ހުރަސްތައް ކުރިމަތި ކުރަމުންދާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީން މިއަދު ބޭއްވި ޕްރެސްއެެއްގައި އެމްޑީޕީގެ ވިލިގިލީ ދާއިރާގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ، އީސީގެ ތެރޭގައި އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ކަންކަން ޝައްކު ކުރެވޭ އަދި ޔަގީނާ ގާތަށް ހިނގަމުންދާ ކަމަށެވެ. އެގޮތުން، ކެންޑިޑަސީ ފޯމު ހުށަހެޅުމަށް މި ފަހަރު ހުޅުވާލާފައިވާ ޕޯޓަލް އަށް ވެރިކަން ކުރާ ޕީއެންސީ އަށް އެކްސެސް އޮތް ކަމަށް ތުހުމަތުކުރެއްވި އެވެ.

ހުސައިން ވިދާޅުވީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދުކޮށް އީފާސް މެދުވެރިކޮށް ތާއީދު ދިނުމުން އެ މައުލޫމާތު ވަގުތުން ޕީއެންސީއަށް ދޭ ކަމަށާއި އެ މައުލޫމާތު އެ ޕާޓީ އަށް ލިބުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.

"ކަނޑައެޅިގެން އަޅުގަނޑުމެންނަށް މިފެންނަނީ ޕީއެންސީއަށް އިލެކްޝަން ކޮމިޝަނުން ކަންކަން ފަހިކުރަމުންދާ މަންޒަރު. މިއީ ރައީސް އޮފީހުގައި އީސީގެ ރައީސް މުހައްމަދު ޒާހިރު ބޭއްވުމުގެ ނަތީޖާ،" އޭނަ ވިދާޅުވި އެވެ. "ސިއްރު ބައްދަލުވުންތައް ބާއްވައިގެން އަނެއްކާ ވެސް މި އިންތިހާބު މިވަނީ ނަހަމަ ކަންތައްތަކެއް ހިންގަން މަސައްކަތް ފަށާފައި."

އެމްޑީޕީން ބުނެފައި ވަނީ އީސީގެ ރައީސާއި ނައިބު ރައީސް ރައީސުލްޖުމްހުރިއްޔާ އައްޔަންކުރާ ގޮތަށް މިފަހުން ގާނޫނަށް އިސްލާހު ގެނައި ވެސް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަގުސަދުގައި ކަމަށެވެ.

"އީސީގެ ޕޯޓަލްއަށް ޕީއެންސީއަށް އެކްސެސް އެބައޮތޭ. އެ ބޭފުޅުން ލައިވްކޮށް އެބަ ބަލާ ކޮން ބޭފުޅުންނެއްތޯ އެޕްލިކޭޝަން ހުށަހަޅަމުން ދަނީ،" ހުސެއިން ވިދާޅުވި އެވެ. "ކޮން ބޭފުޅުންނެއްތޯ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން ދަނީ."

ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އެޕްރީލް 4 ގަ އެވެ.