Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އައިވީއެފް އެހީ އަށް ޝަރުތު ހަމަވީ 39 މީހަކު

ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އައިވީއެފްގެ ފަރުވާ ހޯދަން މިދިޔަ ޑިސެމްބަރުގައި ހުޅުވައިލުމުން 135 މީހަކު ހުށަހެޅި ކަމަށާއި ޝަރުތު ހަމަވީ އޭގެ ތެރެއިން 39 މީހަކު ކަމަށް އެންސްޕާއިން ބުނެފި އެވެ.

އައިވީއެފްގެ ފަރުވާ ހޯދުމަށް އެހީއަށް އެދި މިދިިޔަ ނޮވެމްބަރު މަހު ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު އެކަމަށް އެދުނު ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ 50 ދެމަފިރިންނަށް އެ ފުރުސަތު ދޭށެވެ.

އެންސްޕާއިން މިއަދު ބުނީ ޝަރުތު ހަމަވި 39 މީހުންނަށް މިހާރު އެހީ ހަމަޖެހިފައިވާ ކަމަށާއި އަދި އޭގެ ތެރެއިން ފުރަތަމަ ބުރުގައި ހިމެނޭ މީހުން، އަންނަ މަހުގެ 10 ގެ ކުރިން، ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިއްސާ ކުރުމަށް އެދިފައިވާ.

އެންސްޕާއިން މިހާރު ވަނީ، އެހީގެ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.
ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުން، އަންނަ ހޯމަ ދުވަހުގެ ކުރިން ވަން.ގަވް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ. އަދި އެ މުއްދަތު ގެ ނިޔަލަށް ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކޮށް، ބަދަލު ގެންނަން ޖެހޭ ނަމަ، މުރާޖައާކޮށްފައިވާ ލިސްޓު އަންނަ މަހު 1 ޝާއިއު ކުރާނެ އެވެ.

އެނގުން މުހިންމު – 'އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު'ގައި، އެ ހިދުމަތް ދެވޭނެ މީހުންނާއި ހިދުމަތް ދެވޭނެ މީހުންގެ ޝަރުތުތައް ބަޔާން ކޮށްފައިވެ އެވެ. އަދި، ފަރުވާ ހުއްޓާލެވޭނެ ހާލަތްތަކާއި ފަރުވާއަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ ގޮތުގެ އުސޫލުތައް ވެސް ހިމަނާފައިވެ އެވެ.