Last Updated: June 6, 06:06
Saturday, June 6, 2026
މުނިފޫހިފިލުވުން

"ކިންގް" ގައި އަނިލްގެ ތަލަ ކެރެކްޓާއެއް!

މި އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ފިލްމު "ކިންގް" ގައި އަނިލް ކަޕޫރް ކުޅޭ ރޯލުން އޭނަ ފެންނާނީ ތަލަ ކެރެކްޓާއަކުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެހެންވެ މި ފިލްމު ވާނީ އަލަށް އެފަދަ ރޯލަކުން 69 އަހަރުގެ އެކްޓަރު ފެންނާނެ ފުރަތަމަ ފަހަރަށެވެ. އަނިލް އަބަދު ވެސް ފާހަގަކޮށްލެވެނީ ތަފާތު އެކި ކަހަލަ ރޯލުތައް ތަޖުރިބާ ކުރަމުން އަންނަ މޮޅު އެކްޓަރެއްގެ ގޮތުގަ އެވެ. އެކަމަކު އުމުރުން މިހާރު ކިތަންމެ ދުވަހެއް ވިޔަސް އަނިލް ފާހަގަ ކުރެވެނީ ޒުވާން ކަމަށް ބަދަލެއް ނާންނަ ވަރަށް ފިޓް އެކްޓަރެއްގެ ގޮތުގަ އެވެ.

"ކިންގް" ގައި އޭނަ ތަލަ ކެރެކްޓާއަކުން ފެންނާނެކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، އެ ރޯލާ ބެހޭ އެއްވެސް އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

މި ފިލްމަކީ ޑައިރެކްޓަރު ސިދާތު އާނަންދާ އެކު އަނިލް މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އެ ދެ މީހުން އެންމެ ފަހުން އެކީގައި މަސައްކަތްކުރި ފިލްމަކީ ސިދާތު އެންމެ ފަހުން ގެނެސްދިން 2024 ގެ "ފައިޓާ" އެވެ. ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯން ލީޑް ރޯލު ކުޅުނު އެ އޭރިއަލް އެކްޝަން ތުރިލާގައި އަނިލް ކުޅުނީ އަސްކަރީ ޕައިލެޓެއްގެ ރޯލެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި "ކިންގް" އަކީ ޝާހްރުކާ އެކު ސިދާތު 2023 ގައި ގެނެސްދިން އެކްޝަން ތުރިލާ "ޕަތާން" އަށް ފަހު އެ ދެ މީހުން އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މި އަހަރުގެ ފަހުކޮޅު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި އެކްޝަން ތުރިލާ އަކީ ވަރަށް ބޮޑު ކާސްޓެއް ވެސް ހިމެނޭ ފިލްމެކެވެ.

"ކިންގް" ގެ ކާސްޓްގައި ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާން، ދީޕިކާ، އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ، އަނިލް، އަރުޝަދު ވަރްސީ، ޖެކީ ޝްރޮފް، ސޯރަބް ޝުކްލާ، ރާގަވް ޖުޔަލް، ޖައިދީޕް އަހުލުވާތު، އަކްޝޭ އޮބެރޯއީ އަދި ކަރަންވީރު މަލްއުތުރާ ވެސް ހިމެނެ އެވެ.