1. ޝުކުރުގެ ސަޖިދަ
ޝުކުރުގެ ސަޖިދަ އަކީ ނިޢުމަތެއް ލިބުމުގެ ސަބަބުން ނުވަތަ ދަތިކަމަކުން ސަލާމަތްވުމުގެ ސަބަބުން ނުވަތަ އުފާވެރި ޚަބަރެއް ލިބުމުން ކުރުން ސުންނަތް ވެގެންވާ ސަޖިދައެކެވެ. އޭގެ ދަލީލަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަބޫ ބަކްރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ މި ޙަދީޘެވެ.
(أَنَّهُ كَانَ إِذَا جَاءَهُ أَمْرُ سُرُورٍ أَوْ بُشِّرَ بِهِ خَرَّ سَاجِدًا شَاكِرًا لِلَّهِ) {رواه الترمذي (1578) وابن ماجه (1394)أبو داود (٢٧٧٤) وصححه الشيخ الألباني رحمه الله في ” صحيح أبي داود “}
މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އުފާވެރި ކަމެއް މެދުވެރިވުމުން ނުވަތަ އެފަދަ އުފާވެރި ޚަބަރެއް ލިބުމުން ﷲއަށް ޝުކުރު އަދާކުރުމުގެ ގޮތުން ސަޖިދައަށް ތިރިވެވަޑައިގަންނަވަ އެވެ.”
2. ޝުކުރުގެ ސަޖިދާ ކުރާނެ ގޮތް
ސަޖިދަ އަށް ދާނީ އެވެ. އަދި ސަޖިދަ ކުރާނީ ސަޖިދަ ކުރުމަށް ވާރިދުވެފައިވާ 7 ގުނަވަނުގެ މައްޗަށެވެ. ސަޖިދައަށް ދަމުން އަދި ސަޖިދައިން ތެދުވަމުން ވެސް ﷲ އަކްބަރު ކިޔާކަށް ނުޖެހޭނެއެވެ. އަދި ސަލާމްދޭކަށް ނުޖެހޭނެ އެވެ. ކުރާނީ އެއް ސަޖިދަ އެވެ.
3. ޝުކުރުގެ ސަޖިދާގައި ކިޔާ ޛިކްރު
ޝުކުރުގެ ސަޖިދާގައި ސީދާ މިވެނި ޛިކުރެއް ކިޔުން ވާޖިބު އެއްވެސް ޛިކުރެއް ޞައްޙަ ގޮތުގައި ވާރިދުވެފައި ނުވެއެވެ. މިކަމުގައި ޢިލްމުވެރިން ވިދާޅު ވަނީ الحمد للّه ނުވަތަ މިފަދަ ޙަމްދުކުރުމުގެ ޢިބާރާތެއް ޢަރަބި ބަހުން ކިޔިދާނެ ކަމަށެވެ. ނުވަތަ ތަސްބީޙަ، ދުޢާ އަދި އިސްތިޣްފާރު ވެސް މި ސަޖިދާގައި ކުރެވިދާނެ އެވެ.
4. ޝުކުރުގެ ސަޖިދަ ކުރުމުގައި ޠަހާރަތުމަތީގައި ހުރުން، ޤިބުލައަށް ކުރިމަތިލުން، ޢައުރަ ނިވާކުރުން
ޝުކުރުގެ ސަޖިދަކުރުމުގައި، ޠަހާރަތު މަތީގައި ހުރުމާއި، ޤިބުލައަށް ކުރިމަތިލުމާއި، ޢައުރަ ނިވާކުރުން ޝަރުޠެއް ނޫނެވެ. އޭގެ މާނައަކީ މިސާލަކަށް އަންހެނަކު ބުރުގާ ނާޅައިވެސް ޝުކުރުގެ ސަޖިދަ ކުރެވިދާނެ އެވެ.
5. ޖަމާޢަތުގައި (އެންމެން އެއްކޮށް) ޝުކުރުގެ ސަޖިދަކުރުން
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެގޮތަށް ޖަމާޢަތުގައި ޝުކުރުގެ ސަޖިދަކުރުމަކީ ބިދުޢައެކެވެ. އެހެނީ ދަލީލެއް ނެތި އަޅުކަމުގެ ކައިފިއްޔަތު ބަދަލުކުރުމެވެ. ޝުކުރުގެ ސަޖިދަ ކުރާނީ ފަރުދީކޮށެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.