Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހުއްދަ ނެތް ބަޔަކަށް ކޮމިޝަނުގެ މައުލޫމާތު ބޭނުން ނުކުރެވޭނެ

އިލެކްޝަންސް ކޮމިޝަނުގައި ހުރި އެއްވެސް މަޢުލޫމާތެއް ހުއްދަ ނެތް ފަރާތަކަށް ބޭނުމެއް ނުކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އީސީން މިހެން ބުނީ އަންނަ އޭޕްރިލް މަހު ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާ އީސީގެ ޕޯޓަލަށް ވަދެ، އެ މައުލޫމާތުތައް ބެލުމުގެ ބާރު ވެރިކަންކުރާ ޕީއެންސީއަށް އޮންނަ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން އީސީން ނެރުނު ބަޔާނެއްގައި ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަމަށް އެދި ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، ހުށަހެޅުމާމެދު ނިންމިގޮތް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ކެންޑިޑޭޓަކަށް ވުމަށް އެދި ފޯމު ލިބެމުންދާ މިންވަރަކުން، ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ކުރިން ޖަވާބުދެމުންދާ ކަމަށެވެ.

"މި ކޮމިޝަނުގައި ޤާއިމުކޮށްފައިވާ ނިޒާމުތަކުގައިވާ މަޢުލޫމާތުތަކަކީ ރައްކާތެރިކަމާއެކު، އެމަޢުލޫމާތު ބޭނުންކުރަންޖެހޭ ޙާލަތްތަކުގައި ހުއްދަލިބިފައިވާ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެއްކަން ރައްޔިތުންނަށް ކަށަވަރުކޮށްދެމެވެ،" އީސީގެ ބަޔާނުގައިވެ އެވެ.

އީސީން ވަނީ ކޮމިޝަނުން ދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.