ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި އެންމެ ގިނަ ދުވަހު ބަހުސްކުރެވެމުން އަންނަ މުހިންމު އެއް މައުޟޫއަކީ، ޤައުމަށް އެންމެ އެކަށީގެންވާ ވެރިކަމުގެ ނިޒާމަކާ ބެހޭ ކަންކަމެވެ. ރިޔާސީ ނިޒާމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމުގެ ޚިޔާލު މިވަނީ އަލުން ފެންމަތިވެ، ބަހުސްތައް އާވެފަ އެވެ.
މި މަޒުމޫނުގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މުހިންމުކަމާއި، މިފަދަ ބަދަލަކުން ޤައުމަށް ލިބިދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލެވޭނެ އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ރިޔާސީ ވެރިކަމުގެ ނިޒާމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެތައް ގޮންޖެހުންތަކެއްގެ އަސްލެވެ. އޭގެތެރޭގައި ބާރުތައް ވަކިކުރެވިފައި ނެތުމާއި، ޖަވާބުދާރީވުމުގެ މިންވަރު ދަށްވުމާއި، ސިޔާސީ ހަމަޖެހުން ނެތުމާއި، އަދި ޤައުމީ އިސްލާޙީ މަސައްކަތްތައް ދިގުދެމިގެންދިއުން ހިމެނެއެވެ. މިއީ އެއްވެސް ޙާލެއްގައި ވަކި ފަރުދެއްގެ ނުވަތަ ވަކި ވެރިއެއްގެ މައްސަލައެއްގެ ގޮތުގައި ބެލެވޭނެ ފުރުސަތެއް މިހާރަކު ނެތެވެ.
ސަބަބަކީ އެތައް އަހަރުތަކެއް ވަންދެން ރާއްޖޭގައި ވެރިކަން ކުރަމުން އައީ އެއްވެސް ބަދަލެއް ނެތި، މި ނިޒާމުގެ ދަށުން ބާރުގަދަ ވެރިއެކެވެ. މި ސަބަބަށްޓަކައި، މިއީ ފަރުދީ މައްސަލައަކަށްވުރެ ބޮޑަށް، ނިޒާމީ މައްސަލައެއް ކަމުގައި އަޅުގަނޑަށް ގަބޫލު ކުރެވެއެވެ.
މިހާތަނަށް، ގިނަ ދިވެހިންނަށް ރިޔާސީ ނިޒާމު ފިޔަވައި ވެރިކަމުގެ އެހެން ނިޒާމެއް ތަޖުރިބާކުރެވިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން، ވެރިކަމުގެ ނިޒާމުތަކުގެ ތަފާތުތަކާއި، އެކި ނިޒާމުތަކުން ލިބިދާނެ ފައިދާތަކާ މެދު ފުޅާ ދާއިރާއެއްގައި ވިސްނައި ފިކުރުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިފައެއް ނުވެއެވެ.
ބާރުގަދަ ރައީސުންނާ އެކު އޮންނަ މިފަދަ ނިޒާމެއްގައި ބާރުތައް އެއްފަރާތަކަށް ޖަމާވެފައި އޮތުމަކީ، ހުރިހައި ޒަމާނެއްގައި ވެސް ރައްޔިތުންގެ އަޑު އިއްވުމަށް ރާއްޖޭގައި ބިރުވެރިކަން އޮންނަ މައިގަނޑު ސަބަބެކެވެ. އަދި ވެރިކަމުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވެ، ވެރިކަމަށް ދިވެހި ރައްޔިތުންގެ އިތުބާރު ކުޑަވާންޖެހޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މިކަން ހިމެނެއެވެ.
ނަމަވެސް، އޮލްޓަނޭޓިވް ވޯޓު ނުވަތަ (ރޭންކްޑް ޗޮއިސް ވޯޓު) ގެ އުސޫލެއް ހިމެނޭ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުވެއްޖެނަމަ ގިނަ ކަންތައްތަކެއް ރަނގަޅުވެ، ހަރުދަނާ ވެގެންދާނެކަމަށް ގަބޫލުކުރެވެއެވެ. މިފަދަ ވޯޓުލާ ނިޒާމެއްގައި ކޮންމެ ރައްޔިތަކަށްވެސް ވޯޓުލުމުގައި ދެ ޗޮއިސް ދެވޭނެއެވެ؛ އެއީ އޭނާ ބޭނުންވާ ދެ ކެންޑިޑޭޓަކަށް، ކޮންމެ ކެންޑިޑޭޓަކަށް ވަކި ނަންބަރެއް ދީގެންނެވެ. މާނައަކީ، އޭނާގެ ފޭވަރިޓް ކެންޑިޑޭޓަށް ނަންބަރު އެކެއް ދީ، ދެވަނަ ފޭވަރިޓަށް ނަންބަރު ދޭ ޖެހުމެވެ.
އޮލްޓަނޭޓިވް ވޯޓު (އޭވީ) ނިޒާމަކީ އިނގިރޭސިވިލާތާއި ކޮމަންވެލްތްގެ ގިނަ ޤައުމުތަކުގައި އާންމުކޮށް ބޭނުންކުރާ ނިޒާމެކެވެ. އެމެރިކާގައި މި ނިޒާމަށް އާންމުކޮށް ބޭނުންކުރާ ނަމަކީ ރޭންކްޑް-ޗޮއިސް ވޯޓު (އާރުސީވީ) އެވެ.
އުސޫ ލީގޮތުން މި ނިޒާމު ހިނގާނެ ގޮތަކީ، ވޯޓުލާ މީހުން އެމީހުންގެ ކެންޑިޑޭޓުންނަށް އިސްކަންދޭ ތަރުތީބުން ނަންބަރު ޖަހާނެއެވެ. އެގޮތުން ވޯޓުލާ މީހުން ނަންބަރު އެކެއް ދޭ ކެންޑިޑޭޓަކަށް ވޯޓުގެ 50 އިންސައްތައަށްވުރެ ގިނަ ވޯޓު ލިބިއްޖެނަމަ، އެ ކެންޑިޑޭޓަކު ވަގުތުން އިންތިޚާބު ކުރެވޭނެ އެވެ. ނަމަވެސް، އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ނުލިބިއްޖެ ނަމަ، އެންމެ މަދު ވޯޓު ލިބުނު ކެންޑިޑޭޓު އިންތިޚާބުން ވަކިކުރެވޭނެއެވެ. އެގޮތުން އިންތިޚާބުން ވަކިކުރެވުނު ކެންޑިޑޭޓަށް ލިބިފައިވާ ވޯޓުތައް، ވޯޓުލީ މީހުން ދެވަނައަށް އިސްކަންދީފައިވާ ކެންޑިޑޭޓަށް ބަދަލުކުރެވޭނެއެވެ.
އެއް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބި، އިންތިޚާބުކުރެވެންދެން މި ކަންތައް ތަކުރާރުކުރެވޭނެއެވެ. މިފަދަ ނިޒާމަކުން ކާމިޔާބުކުރާ ކެންޑިޑޭޓަށް ގިނަ މީހުންގެ ތާއީދު ލިބިފައިވާކަން ކަށަވަރުކޮށްދޭނެއެވެ. މި ނިޒާމަކީ ބަރުލަމާނީ ސަރުކާރުތައް ހިންގާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަމުގައި ބޭނުންކުރަމުން އަންނަ ނިޒާމެކެވެ.
ރާއްޖޭގައި މިހާރު ޢަމަލުކުރާ ނިޒާމާ އަޅާބަލާއިރު، މި ނިޒާމުގެ ދަށުން ވޯޓުތައް އިސްރާފުވުން ވަރަށް ބޮޑަށް މަދުކުރެވޭނެއެވެ. އަދި މިފަދަ ނިޒާމެއްގައި ދާއިރާ ތަމްސީލުކުރާ މެންބަރެއްގެ ޔަގީންކަން ލިބޭއިރު، ޖުމްލަގޮތެއްގައި ނިސްބަތުން ތަމްސީލުވުމުގެ ޔަގީންކަން ކަނޑައެޅިގެން ނުލިބޭނެއެވެ.
ބަރުލަމާނީ މިފަދަ ނިޒާމެއްގައި ބޮޑުވަޒީރަކު ހުންނަނީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ލިބިގެންނެވެ. މީގެ ސަބަބުން ބާރުތައް ހިއްސާވެ، އެއްފަރާތަކަށް ބާރުތައް ޖަމާވުން ކުޑަވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ މަސައްކަތްތައް ބެލެހެއްޓުމާއި، ޖަވާބުދާރީ ކުރުވުމުގެ ބާރު އިތުރުވާނެއެވެ.
އޮލްޓަނޭޓިވް ވޯޓުލުމުގެ އުސޫލަކުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާ ނެއެވެ. މިކަމުގެ ސަބަބުން ވެރިކަމުގައި ދެފުށް ފެންނަ ގޮތަކަށް މަސައްކަތްކޮށް، ހަރުދަނާ ނިންމުންތަކެއް ނިންމުމަށް މަގުފަހިވާނެ އެވެ.
ރާއްޖޭގެ ރިޔާސީ ނިޒާމުގައި ހުރި މައްސަލަތަކަކީ ނިޒާމީ މައްސަލަތަކެއް ކަމުގައި ފާހަގަކުރެވެއެވެ. ބަރުލަމާނީ އޮލްޓަނޭޓިވް ވޯޓިން ނިޒާމަކީ، ގިނަ ދިވެހިން ތަޖުރިބާ ނުކުރާ ނިޒާމެއް ނަމަވެސް، އެއީ ރާއްޖޭގެ ސިޔާސީ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް މުހިންމު ފިޔަވަޅެއް ކަމުގައި ގަބޫލު ކުރެވެ އެވެ.
މިކަމުން ވެރިކަމުގައި ޖަވާބުދާރީވުމާއި، ބާރުތައް ހިއްސާވުން އިތުރުވެ، ރާއްޖެއަށް ސިޔާސީ ހަމަޖެހުންލިބި، ކޮރަޕްޝަނާއި ފަސާދައަށް ހުޅުވިފައިހުރި ދޮރުތައް މަދުކުރެވި، މިހާރަށްވުރެ އިތުރު ހަލުވިކަމާއެކު ތަރައްޤީ ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ.