ވެރިކަން ކުރާ ޕީއެންސީން ލޯކަލް ކައުންސިލް އިންތިހާބަށް ނެރުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ތިބި ފަރާތްތައް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ގަޕޯ ވިދާޅުވީ ޕީއެންސީން އިންތިހާބަށް ނެރެފައިވާ ކެންޑިޑޭޓުންގެ ނަންތައް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި އޮންނާނެ ކަމަށާއި މި ސަރުކާރުގެ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓުދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"ތިބޭފުޅުން ބައްލަވާ، މި ބޭފުޅުން ނެރުއްވައިގެން އުޅުއްވާ ކެންޑިޑޭޓުންގެ ނަން އޮންނާނީ އެމްއެމްޕީއާރުސީގެ ވައްކަމުގެ ލިސްޓުގައި. އަޅުގަނޑު މިބުނީ އޮންނާނޭ. ދިވެހި ރައްޔިތުންގެ ފައިސާއިން އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވި ބޭފުޅުންގެ ތެރޭގައި އެބޭފުޅުންގެ ނަން އޮންނާނެ،" ގަޕޯ ވިދާޅުވި އެވެ.
ގަޕޯ ވިދާޅުވީ އެފަދަ ބޭފުޅުންނަށް ރައްޔިތުން ވޯޓު ނުދޭނެ ކަމަށާއި، ރައްޔިތުން މިހާރު ތިބީ މި އަނިޔާވެރިކަމުން ސަލާމަތްވުމަށް ގަދައަޅާ މަސައްކަތް ކުރަން ތައްޔާރަށް ކަމަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި ރައްޔިތުން މި ސަރުކާރަށް ބޮޑުތަނުން "ނޫނެކޭ" ބުނާނެ ކަމަށާއި ކައުންސިލް އިންތިހާބުގައި ވޯޓު ގަތުމަށް ސަރުކާރުން ފައިސާ ބެހިޔަސް ރައްޔިތުން ވޯޓެއް ނުދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން އެމްޑީޕީގެ ސަރުކާރެއްގައި ރައްޔިތުން ބޭނުންވާ ގޮތަށް ލާމަރުކަޒީ ނިޒާމުގެ "ރަހަމީރުކަން" ފޯރުކޮށްދޭނެ ކަމަށްވެސް ގަޕޯ ވިދާޅުވި އެވެ.