އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އިންޑިއާގެ ފިލްމަކަށް ލަވައެއް ރެކޯޑް ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މި ފިލްމަކީ "ޕަތާން" އާއި "ފައިޓާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީ، މިހާރު ޝާހްރުކްގެ ޚާންގެ "ކިންގް" ހަދަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސިދާތު އާނަންދާއި ޕްރޮޑިއުސަރު މަހާވީރު ޖެއިން ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވެގެން ސްޕެއިންގެ ޕްރޮޑަކްޝަން ހައުސްތަކަކާ ގުޅިގެން އިންޓަނޭޝަނަލް ޕްރޮޖެކްޓެއްގެ ގޮތުގައި ހަދަމުން އަންނަ "ވައިޓް" ކަމަށެވެ.
މި ފިލްމަކީ އިންޑިއާގެ ނުފޫޒު ގަދަ ރޫހާނީ ލީޑަރު ގުރޫދޭވް ސްރީ ސްރީ ޝަންކަރްގެ ވާހަކަ ކިޔައިދޭ ބައޮގްރިފިކަލް ޑްރާމާއެކެވެ. މީގައި އޭނަގެ ރޯލުން ފެންނާނީ މިދިޔަ އަހަރު ނެޝަނަލް އެވޯޑް ލިބުނު އެކްޓަރު ވިކްރާންތު މަސީ އެވެ.
މީޑިއާތަކުން ބުނީ "ވައިޓް" ގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި އިންޓަނޭޝަނަލް ފަންނާނުން ބައިވެރިވަމުން އަންނަ އިރު، މި ފިލްމުގައި ޖޭލޯ ކިޔާފައިވާ ލަވައެއް ހިމެނުންވެގެން ދާނީ ގިނަ ބައެއްގެ ސަމާލުކަން ފިލްމަށް އިތުރަށް ލިބޭނެ ކަމަކަށް ކަމަށެވެ. ފިލްމަށް ޖޭލޯ ކިޔާ ލަވަ އިނގިރޭސި ބަހުންނާއި ސްޕެއން ބަހުން ވެސް ގެނެސްދޭނެ އެވެ.
އަދި މި ލަވަ އަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ މަގުބޫލު ލަވައެއް ކަމަށްވާ "ހީލް ދަ ވޯލްޑް" ގެ އަސަރު ގެނުވައި ދޭ ކަހަލަ ޖޯޝްހުރި ލަވައަކަށް ވާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.
"ވައިޓް" ގެ ޝޫޓިންގެ 90 ޕަސެންޓް މިހާރު ނިމިފައިވާ އިރު، ސިނަމާތަކަށް ފިލްމު ގެންނާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމު ސިނަމާތަކަށް ގެންނާނީ 21 ބަހަކުން ޑަބްކޮށްގެންނެވެ.