ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
މިއީ މިކަމަށް ބަޔަކިު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލި ތިން ވަނަ ފަހަރެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އާއި ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި ދޭނެ ބަޔަކު ހޯދަމް ބީލަމަށް ހުޅުވައިލި އެވެ.
މިނިސްޓްރީން ބުނީ ހެލިކޮޕްޓަރުގެ ހިދުމަތަލީ ޓޫރިސްޓް ފެސިލިޓީތަކާއި އެއާޕޯޓްތަކާ ދެމެދު ޓޫރިސްޓުން އުފުލުމުގެ އިތުރަށް އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން އުފުލައޮ އަދި ދިވެހިންނަށް ވެސް އޭގެ ހިދުމަތް ލިބޭ ގޮތަށް ދޭން ނިންމާފައިވާ ހިދުމަތެއް ކަމަށެވެ.
މި ހިދުމަތުގައި ބޭނުންކުރަން ނިންމާ ހެލިކޮޕްޓަރުތަކަކީ 8 އަހަރުވެފައިނުވާ ހެލިކޮޕްޓަރަށް ވާން ޖެހޭނެ ކަމަށާއި ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔުއަށް މަދުވެގެން އެއް ހެލިކޮޕްޓަރު ހާއްސަކޮށްފައި އޮންނަން ޖެހޭ ކަމަށް މިނިސްޓަްރީން ކަނޑައަޅާފައިވާ އުސޫލުގައިވެ އެވެ.
ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ފަރާތުން ކޮންމެ މަހަކު 80 ގަޑިއިރާއި 150 ގަޑިއިރުގެ ހިދުމަތް ހިލޭ ސަރުކާރަށް ކޮށް ދޭން ޖެހެ އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ހުށަހެޅުމުގެ ފުރުސަތު އަންނަ މާޗް މަހުގެ 25 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިނިސްޓްރީން ބުނެފައި ވަނީ ހިދުމަތް ދޭން ބަޔަކާ ހަވާލު ކުރާނީ 10 އަހަރުގެ މުއްދަތަކަށް ކަމަށެވެ.
ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން ވިޔަފާރީގެ އުސޫލުން ހަމިންބާޑްގެ ނަމުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދީފައިވެ އެވެ.