Last Updated: June 6, 10:36
Saturday, June 6, 2026
ޚަބަރު

ވެލިދު އަށް މޯލްޑިވިއަންގެ ސީޕްލޭން ފަށައިފި

މޯލްޑިވިއަނުން ނ. ވެލިދު އަށް މިއަދު ސީޕްލޭންގެ ހިދުމަތް ފަށައިފި އެވެ.

އެ އެއާލައިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އޮތީ މިއަދު އެ ހިދުމަތް އެ ރަށަށް ފަށާނެކަން މިދިޔަ މަހުގެ ކުރީކޮޅު އިއުލާން ވެސް ކޮށްފަ އެވެ.

ވެލިދު އަށް ސީޕްލޭންގެ ޓިކެޓްގެ އަގަކީ ދިވެހިންނަށް ކޮޅަކަށް 999ރ. އެވެ. އަދި އެ ރަށަށް ދަތުރުކުރާ ޓޫރިސްޓުންގެ އަތުން ނަގާނީ ކޮޅަކަށް 93 ޑޮލަރެވެ.

އެ ހިދުމަތް ފެށުމާ ގުޅިގެން ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ މޯލްޑިވިއަނުން ވެލިދޫ ގައި ސީޕްލޭންގެ ހިދުމަތް ފެށިގެން ދިއުމަކީވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ.

"ވެލިދޫ އަދި ދާއިރާގެ ތަރައްޤީ އަށް ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިން ވިޔަސް ކުރެވޭ ކޮންމެ ކަމަކީ އަޅުގަނޑުގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން ކުރެވިގެންދާ ކަމެއް ކަމަށް ވެލިދޫ އަދި ދާއިރާގެ ރައްޔިތުން ހެޔޮ ހިތުން ޤަބޫލުފުޅު ކުރެއްވުން އެދެން." އޭނަ ވިދާޅުވި އެވެ.

މޯލްޑިވިއަނުން މިދިޔަ ސެޕްޓެމްބަރުން ފެށިގެން ބ. ކަމަދުއަށް ވެސް އަންނަނީ ސީޕްލޭން ދަތުރުތައް ބާއްވަމުންނެވެ. އެ ދުމަތް ފެށީ ހޯކްސް ހޮޓެލާ ގުޅިގެންނެވެ.