Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހިޔާލު ފާޅުކުރުމުގައި ދީނުގެ ރުކުންތަކަށް އިހުތިރާމް ކުރަން ޖެހޭނެ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު

ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ޙުކުމްތަކާއި ރުކުންތަކާއި ޝިއާރުތަކަށް އިޙުތިރާމްކުރަންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫހަކުން ނަމާދު ކުރާއިރު ކޮރަޕްޝަން ފައިސާ ބަހާކަން ދޭހަވާ ފަދަ ގޮތަކަށް އާއްމު ކުރި "ސިޔާސީ ކާޓޫން" އެއް ނެގުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އިއްޔެ އަންގާފަ އެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އެ ކޮމިޝަނަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

މިކަމާ ގުޅިގެން ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި މަތިވެރި މަޤުޞަދަކަށްޓަކައި ޙިމާޔަތްކޮށްފައިވާ މިނިވަންކަމެއް ކަމަށެވެ.

"އެއީ މަތިވެރި ޙައްޤެއް. ނަމަވެސް ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ޙުކުމްތަކާއި ރުކުންތަކާއި ޝިއާރުތަކަށް އިޙުތިރާމްކުރަންޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީގައި ޚިޔާލުފާޅުކުރުގައި ދީފައިވާ މިނިވަންކަމުގެ ރޫޙަކީ ވެސް އެއީ ކަމަށާއި އިސްލާމްދީނުގެ ޙުކުމްތަކާއި ރުކުންތަކާއި ޝިޢާރުތަކަށް އެންމެހައި މުސްލިމުން އިހުތިރާމްކުރަންވާނެ ކަމަށެވެ.