Last Updated: June 6, 06:06
Saturday, June 6, 2026
ދުނިޔެ

ޑަބްލިއުއެޗްއޯ އިން އެމެރިކާ ވަކިވެއްޖެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އެމެރިކާ ރަސްމީކޮށް ވަކިވެއްޖެ އެވެ.

އެ ޖަމިއްޔާ އަށް އެންމެ ބޮޑަށް އެހީވަމުން އައި ގައުމުން ވަކިވެފައި މި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޑޮނަލްޑް ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގެން ޑަބްލިއުއެޗްއޯ އިން ވަކިވާން ނިންމައި ގަރާރެއް ވެސް ނެރުއްވާފައި ވަނިކޮށެވެ. އެ ގަރާރުގައި ބުނެފައި ވަނީ ޑަބްލިއުއެޗްއޯ އަކީ ޒިންމާދާރު މަސައްކަތެއް ކުރާ ޖަމާއަތެއް ނޫން ކަމަށާއި އެގޮތުން މީގެ ފަސް ވަރަކަށް ވަރަކަށް އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ވަބާއާ ގުޅިގެން ވެސް ޑަބްލިއުއެޗްއޯ އަށް ހަރުދަނާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.

އެމެރިކާ އިން ބުނެފައޮވާ ގޮތުގައި ބައްޔަކީ ޗައިނާގެ ވޫހާން ސިޓީން އުފަންވި ބައްޔެއް ކަމަށާއި ކޮވިޑާ ގުޅޭ މައުލޫމާތުތައް ވެސް އެންމެ އެކަށީގެންވާ ގޮތަށް ޑަބްލިއުއެޗްއޯ އަސް ފޯރުކޮށް ނުދެވި އެކަމުގެ އަގު މުޅި ދުނިޔެ ދައްކަން ޖެހުނު ކަމަށެވެ.

ކޮވިޑާ ގުޅުވައިގެން ޓްރަމްޕް ދެއްކެވި ވާހަކަތައް ޑަބްލިއުއެޗްއޯ އިން ދޮގުކޮށްފައިވެ އެވެ.

ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ފަހު އަހަރު ކަމަށްވާ 2020 ގައި ވެސް ޑަބްލިއުއެޗްއޯ އިން ވަކިވާން ގަރާރެއް ނެރުއްވި އެވެ.

އެމެރިކާ ރަސްމީކޮށް އެ ޖަމިއްޔާ އިން މިއަދު ވަކިވުމާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ބުނީ އަންނަ މަހުގެ 2-7 އަށް ބާއްވަން ހަމަޖެހިފައިވާ ބޯޑު މީޓިން އެ މައްސަލަ އެޖެންޑާކޮށްފައިވާ ކަމަށެވެ.

އެ ޖަމިއްޔާ އިން އެމެރިކާ ވަކިވި އިރު މެންބަރުންގެ ގޮތުގައި 194 ގައުމެއް ހިމެނެ އެވެ.