Last Updated: June 8, 21:45
Monday, June 8, 2026
ކުޅިވަރު

ގައުމީ ފުޓްސަލް ޓީމަށް ނައިބު ރައީސް ހިތްވަރުދެއްވައިފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ޤައުމީ ފިރިހެން ޓީމު މާދަމާ ކުޅޭމެޗަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ޓީމަށް ހިތްވަރުދެއްވައިފި އެވެ.

ތައިލޭންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖެއިން ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފަ އެވެ. މާދަމާ ބޫޓާނާ ބައްދަލުކުރާ މެޗުން މޮޅުވެއްޖެނަމަ ރާއްޖެއަށް މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ނައިބު ރައީސް ވިދާޅުވީ ޤައުމީ ޓީމުގައި ތިބީ ހުނަރުވެރި ކުޅުންތެރިން ކަމަށާއި މިހާރުވެސް ޓީމުން ހޯދަމުންދާ ނަތީޖާތަކަކީ އުއްމީދުކުރެއްވި ނަތީޖާތަކެއް ކަމާއި ޓީމާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. މި މުބާރާތަށް ކުޅުންތެރިން ތަމްރީނުކޮށްދިނުމަށް ޓީމުގެ ކޯޗު ކޮށްދިން މަސައްކަތްވެސް ފާހަގަކުރއްވި އެވެ.

ދިވެހިންނަކީ ކުޅިވަރުގައި އަބަދުވެސް އެއްބައިވަންތަކަން ދައްކަމުންދާ ބައެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ މާދަމާ ރާއްޖޭގެ ޓީމް ކުޅޭ މެޗްގައި ޓީމާއި އެކު ރައްޔިތުން ތިބިކަމުގެ ޝުޢޫރާއި ފޯރި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދައްކަމުންދާކަމަށާއި މެޗުގެ ކާމިޔާބީއަށް ދިވެހިން ކެތްމަދުވެފައިވާ ކަމަށެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޤައުމީ އަންހެން ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ސާބަސްދެއްވަމުން އެމަނިކުފާނު ވަނީ ކުރިއަށް އޮތްތަނުގައި ޓީމަށް އިތުރު ފުރުޞަތުތަކެއް ލިބި، ކާމިޔާބީއަށް އެދިވަޑައިގެން ފައެވެ.