Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ތަރައްގީ ހުއްޓިއްޖެ، ރައްޔިތުންގެ ހުރީ ހުސް ޝަކުވާ

ތަރައްގީގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށާއި ރައްޔިތުންގެ މިހާރު ހުރީ ހުސް ޝަކުވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ފައިސަލް ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމުނުއިރު ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހުރީ ފެށިފައި ކަމަށާއި އަދި އެ ވެރިކަމުގައި ފުވައްމުލަކުގެ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތާއި އެހެނިހެން ހިދުމަތްތައް ވެސް ފަށާފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އެމްޑީޕީގެ ސަރުކާރުން ދިޔައީ މަސައްކަތްތައް ކުރަމުން ކަމަށާއި ނަމަވެސް މިއަދު ތަރައްގީގެ މަސައްކަތްތައް ކުރިއަށް ނުދާއިރު ރައްޔިތުންގެ އޮތީ ހުސް ޝަކުވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެގޮތުން ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށާއި ރައްޔިތުން އޮޅުވަން ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެފަދަ ކަންކަން ރައްޔިތުން ބަލައިނުގަންނާނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މިދިޔަ އަހަރު ފެށުނުއިރު ސަރުކާރުން ބުނަމުންދިޔައީ އެއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް "މެކުހަށް" ޖަހާނެ އަހަރު ކަމަށާއި ނަމަވެސް އެ އަހަރު ނިމިގެންދިޔައިރު ވެސް އެކަން ފެނިގެން ގޮސްފައި ނުވާ ކަމަށެވެ. އަދި އޭގެ ކުރީގެ އަހަރު ސަރުކާރުން ބުނަމުންދިޔައީ ތަރައްގީގެ ދުވެލި ބާރު އަހަރަކަށް އެ އަހަރު ވާނެ ވާހަކަ ކަމަށާއި ނަމަވެސް ކުރެވުނު ކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ފައިސަލް ވަނީ މި ސަރުކާރުން ހިތުހުރި ގޮތަކަށް ކަންތައްތައް ކުރަން މަސައްކަތް ފަށާފައިވާތަން މިއަދު ފެންނަމުންދާ ކަމަށާއި މިއީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.