އިނގިރޭސި ރައްޔިތެއް ކަމަށްވާ މައިކަލް ކެރޮލް އަކީ އޭނާގެ އަތުގައި ނަސީބު ހިފުމުގެ ކުރިން ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. އޭނާ، އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތަކީ ކުނި އުކާލުމުގެ މަސައްކަތެވެ. ނަމަވެސް، ނަސީބު ނަމްބަރަކުން، 2002 ވަނަ އަހަރު ސާދަ މިލިއަނަށް ވުރެ ގިނަ ޑޮލަރު މައިކަލް އަށް ހާސިލުވުމުން އޭނާގެ އާދައިގެ ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދިޔަ އެވެ.
މައިކަލް އަށް ކުއްލިއަކަށް މި ލިބުނު ފައިސާ ފުންޏާއި އެކު، އާނާގެ ދިރިއުޅުން އެންމެ މަތީ ފަންތިއަށް ބަދަލުކޮށްލި އެވެ. އަދި އެއްވެސް ހިޔާލެއް ފިކުރެއް ނެތި ޕާޓީ ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި އެހެނިހެން ދުނިޔެވީ އުފާ ހޯދަމުގައި ދުވަސްތައް ވޭތި ކުރަން ފެށިއެވެ. އެ
ހެނަސް، އޭނާގެ އެ ދިރިއުޅުން ދެމިގެން ދިޔައީ މަދު ދުވަސްކޮޅަކަށެވެ. އަދި 2012 ވަނަ އަހަރާ ހަމައަށް އައި އިރު އެ މުއްސަނދި ދިރިއުޅުން އޭނާގެ ކިބައިން ބީވެ އަނެއްކާ ވެސް ފަގީރުކަމަށް އިއާދަވި އެވެ. ކައިބޮއި އުޅުމަށް އޭނާ އަށް ޖެހުނީ ސަރުކާރުގެ އެހީއަށް އެދޭށެވެ. އަދި އެންމެ ފަހުން އޭނާއަށް ޖެހުނީ ބިސްކޯދު ފެކްޓަރީއެއްގެ އެންމެ އާދައިގެ ވަޒީފާއެއް އަދާ ކުރާށެވެ.
މައިކަލްގެ މި ވާހަކަ އަކީ އިބުރަތުގެ ފިލާވަޅެކެވެ. ނޫން ތޯ އެވެ؟ ގިނަ ފަހަރަށް މާ ބުރަ މަސައްކަތަކާއި ނުލައި ހޯދާ ފައިސާ އާއި، އުނދަގޫ ތަހަމަލް ނުކޮށް ލިބިގަންނަ އުފާތަކާއި، މެދުމިންވަރެއްގެ ހިތްދަތިކަންތައް އިހްސާސް ނުކޮށް ކުރިއަށް ގެންދާ ގުޅުންތަކުގައި މާބޮޑު އޮއްޓަރެއް އެކުލެވޭ ކަމަށް ގަބޫލު ނުކުރެވެ އެވެ. ބުރަ މަސައްކަތަކާ ނުލައި ކުއްލިއަކަށް ހާސިލު ކުރެވޭ އުފާލާއި ކާމިޔާބީގެ އަގު ވަޒަން ނުކުރެވެ އެވެ.
ކާމިޔާބީއެއްގެ ފޮނިމީރުކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނީ އެ ކާމިޔާބީ އަކީ ބުރަ މަސައްކަތާއި ދަތި އުނދަގޫތައް ތިމާ ތަހައްމަލު ކުރުމަށް ފަހު ލިބިގަނެވޭ އުފާތަކާއި ކަމިޔާބީ އިންނެވެ. އެހެންކަމުން، ކާމިޔާބީ އާއި ހަމައަށް ވާސިލުވުމަށް ކުރާ ބުރަ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަން ޖެހޭ އެއް ސަބަބަކީ ވެސް މިއީ އެވެ.
ވަކިން ހާއްސަކޮށް ތިމާ ބޭނުންވާ މަންޒިލާ ހަމައަށް ވާސިލުވުމުގެ ވަކި ހިސާބަކުން އެކަން ހުއްޓާލަން ނުޖެހޭ ސަބަބަކީ ވެސް މިއީ އެވެ. ކަމެއް ހާސިލު ކުރުމަށް ތިމާގެ ހިތުން އެކަމަށް ނިޔަތް ގަނެގެން ހުރެ އެކަމެއް ހާސިލު ވަންދެން ދެމިހުންނަން ޖެހެނީ ވެސް މި ސަބަބާ ހެދި އެވެ.
ދަނެގަންނަން ޖެހޭ ހަގީގަތަކީ، ފަސޭހައިން ލިބިގަނެނެވޭ ކަންކަން ގިނަ ދުވަހަށް ދެމިއެއް ނުހުންނާނެ ކަމެވެ. އަދި، ހަގީގީ އުފަލާއި ކާމިޔާބީއަކީ ފަސޭހައިން ލިބޭނެ ކަންކަމެއް ވެސް ނޫން ކަމެވެ. މިއީ ދިރިއުޅުމުގެ ކަންހިނގަމުން ދާ ހަގީގަތެވެ.
ނޯޓް: މިއީ ޕްރޮފެސަރު ހަސަން އުގައިލްގެ ލިޔުއްވުމެކެވެ.