ނޫސްވެރިންނަށް ހުރަސް އެޅުން ހުއްޓާލަން ޖެހޭ ކަމަށް މާލޭގެ މޭޔަރު އާޒިމް ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުން އާންމުކުރި ސިޔާސީ ކާޓޫނެއް ނަގަން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އެންގުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަން ކަމަކީ ޖަވާބުދާރީ ކުރުވުމުގެ އަސާސެއް ކަމަށެވެ.
"ޗެކް އެންޑް ބެލެންސް ނެތިއްޔާ ގޯސް އާދަތައް އާންމުވެ، ނިޒާމު ފަސާދަވާނެ." އޭނަ ވިދާޅުވި އެވެ.
ނޫސްވެރިންނަށް ހުރަސްއެޅުން ހުއްޓާލަންޖެހޭ. ނޫސްވެރިކަމުގެ މިނިވަންކަމަކީ ޖަވާބުދާރީކުރުވުމުގެ އަސާސް. ޗެކް އެންޑް ބެލެންސް ނެތިއްޔާ ގޯސް އާދަތައް އާންމުވެ، ނިޒާމު ފަސާދަވާނެ. #JournalismFreedom #MaleCity#Maldives
— Adam Azim, Mayor of Male’ City (@adamazim) January 23, 2026
ރާއްޖޭގައި ވައްކަމާއި ރިޝްވަތުގެ ވަބާ ބޮޑުވެފައިވާ މަންޒަރު ސިފަކޮށް ދޭ ކާޓޫނު ނެގުމަށް ކޮމިޝަނުން އަންގާފައި ވާތީ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ.
މި ސަރުކާރުން މީޑިއާ ކޮންޓްރޯލްކޮށް ނޫސްވެރިންނަށް ހުރަސް އަޅަން މަސައްކަތް ކުރަމުންދާ ކަމަށް ވަރަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ. އެގޮތުން މީޑިއާ ކޮންޓްރޯލެއް ކުރެވޭ ގޮތަށް ގާނޫނެއް ފާސްކޮށް، އޭގެ ދަށުން ކޮމިޝަނެއް އުފައްދާފައި ވަނީ ވެސް އެ މަގުސަދުގައި ކަމަށް ގިނަ ބަޔަކު ބުނެ އެވެ.